ވ.ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2023 ޗެމްޕިއަންކަން އެން.ޖީ ސްޕޯރޓްސް ހޯދައިފިއެވެ.

ފައިނަލް ގައި އެން.ޖީ ސްޕޯރޓްސް އިން ވާދަކުރީ ސްޓެލްކޯ ކްލަބް ކެޔޮދޫ އާ އެވެ. މި މެޗް އެން.ޖީ އިން ކާމިޔާބުކުރީ ބޮޑު ތަފާތަކުން 5-1 އިންނެވެ. ސަޕޯޓަރުންގެ ފޯރިގަދަ ތަރުހީބު ފެނިގެން ދިޔަ މި މެޗްގައި އެން.ޖީ ގެ ހުނަރުވެރި ކުޅުންތެރިޔާ އަރީން ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ.

ބާކީ ލަނޑުތައް ކާމިޔާބުކުރީ ޝަރީފް، ފުއާދު އަދި ރިޒާންއެވެ. ސްޓެލްކޯ ޓީމްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޖިނާޙްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެން.ޖީ ސްޕޯރޓްސްއަށް ދެ ލަނޑު ކާމިޔާބުކޮށްދިން އަރީން އެވެ.

މި މެޗް ނިމުމާއެކު މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމް ދިނުމަށް ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ގާސިމްއެވެ. މި މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާއަށް ހޮވުނީ ސްޕޯރޓްސް ކްލަބް ހޮސްކޮވޯ ގެ އާދަމް ރަޝީދުއެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ހޮވުނީ ސޮލައިދޫ ސްޕޯރޓްސް ކްލަބްގެ ހުނަރުވެރި ކުޅުންތެރިޔާ އަޙްމަދު މާހިލް އިބްރާހީމްއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވުނީ ސޮލައިދޫ ސްޕޯރޓްސް ކްލަބުގެ އަޙްމަދު ރަޔާންއެވެ. ހުރިހާގޮތަކުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެން.ޖީ ސްޕޯރޓްސްގެ އަރީން ޢަބްދުﷲ އިބްރާހީމްއެވެ.

މި މުބާރާތުގެ ޑްރީމް ޓީމަށް ހޮވުނު ފަސް ކުޅުންތެރިންނަކީ؛ އެން.ޖީ ސްޕޯރޓްސްގެ އަރީން ޢަބްދުﷲ އިބްރާހީމް، އެން.ޖީ ސްޕޯރޓްސްގެ އަޙްމަދު ރިޒާން، ސޮލައިދޫ ސްޕޯރޓްސް ކްލަބްގެ އަޙްމަދު މާހިލް އިބްރާހީމް، ސްޓެލްކޯ ކްލަބް ކެޔޮދޫގެ ޙުސައިން ޖިނާޙް، އަދި ސްޓެލްކޯ ކްލަބް ކެޔޮދޫގެ އަޙްމަދު ޢަބްދުލްވައްޙާބުއެވެ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ ގޭދޮށު ޓީމެވެ. ރަނަރއަޕް ޓީމަކީ ސްޓެލްކޯ ކްލަބް ކެޔޮދޫއެވެ.

މި މުބާރާތް އިންތިޒާމްކޮށް ހިންގުމުގައި އެކިގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތްތަކަށް ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ވަރަށް ބޮޑަށް ޝުކުރު އަދާކުރެއެވެ. ވަކިން ޚާއްޞަކޮށް މުބާރާތުގެ ސްޕޮންސަރުންކަމަށްވާ؛ ނަކާއި ރިޒޯޓްސް، ސްޓެލްކޯ، ހުޅުމާލެ ސޯމިލްސް، އާބަންކޯ، އެލިއާ އިންވެސްޓްމަންޓްސް، މަޑިހާ ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ، އެފް.އެސް.އެމް، ވައިޓް މާކަނާ ލޮޖް، ޖުޕިޓަރ ސަންރައިޒް ލޮޖް، ކެފޭ ތާސީރު އަދި މީޑިއާ ޕާރޓްނަރު ހަލި ނިއުސްގެ މެނޭޖްމަންޓާއި ޓީމަށް އެ ޖަމިއްޔާއިން ޝުކުރު އަދާކުރެއެވެ.