އިންޑިޔާގެ ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިޔާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން އިންޑިޔާ އާއި ކުވައިތު ޖާގަ ހޯދައިފިއެވެ.

ފައިނަލުން އިންޑިޔާ ޖާގަ ހޯދީ، ސެމީފައިނަލުގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ލުބްނާނުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ އެޓޭކިންގ ގޭމެއް ފެނުނު މިމެޗުގެ ފުރަތަމަ ހާފުގައި ލުބްނާނުން ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. ރާއްޖޭގެ ރެފްރީ ހުސައިން ސިނާން އިންސާފް ކުރަމުންދިޔަ މިމެޗުގެ ދެވަނަ ހާފާއި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފުގައި ނުރައްކާތެރިކޮށް ފެނުނީ އިންޑިޔާއެވެ.

ލުބްނާނުން ވަނީ އިންޑިޔާގެ ކެޕްޓަން އަދި ނުރައްކާތެރި ފޯވާޑް ސުނިލް ޗެތުރީއަށް ލަނޑު ޖަހާނެ އެންމެ ފުރުސަތެއްވެސް ނުދީ އޭނާ ވަރަށް ރަނގަޅަށް މާކްކޮށްގެން މުޅި މިމެޗުގައި ކުޅެފައެވެ.

ލުބްނާނުން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ ދެވަނައަށް ފޮނުވާލި ޕެނަލްޓީ އާއި ފަސްވަނައަށް ފޮނުވާލި ޕެނަލްޓީއެވެ. ދެވަނައަށް ފޮނުވާލި ޕެނަލްޓީ އިންޑިޔާގެ ކީޕަރު ދިފާއު ކުރީއެވެ. ފަސްވަނައަށް ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑިމަތިން ބޭރަށެވެ.

އިންޑިޔާއާއެކު ގްރޫޕް "އޭ" ގައި ހިމެނު ކުވައިތުން ފައިނަލުން ޖާގަ ހޯދީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ސެމީފައިނަލް މެޗުގެ 90 މިނެޓް ކުޅުން ނިމުނުއިރު ދެގައުމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފް ނިމެން ދަނިކޮށް އަބްދުﷲ އައްބާސް އަލްބަލޯޝީ ކާމިޔާބު ކުރި ހަމައެކަނި ލަނޑުން 1-0 އިން މޮޅުވެގެންނެވެ. މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ބަންގްލަދޭޝްއަށްވެސް ލިބުނެވެ.

އިންޑިޔާއި ކުވައިތު ގްރޫޕް ސްޓޭޖުގައި ބައްދަލު ކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

އިންޑިޔާ އާއި ކުވައިތު ބައްދަލު ކުރާ ފައިނަލް މެޗް ކުޅޭނީ އަންނަ އަންގާރަ ދުވަހު، ރާއްޖޭ ގަޑިން 19:00 ގައެވެ.

ސާފް ޗެމްޕިއަންޝިޕުގެ 13 މުބާރާތް މިހާތަނަށް ބާއްވާފައިވާއިރު، އިންޑިޔާއިން ވަނީ 8 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. ޗެމްޕިއަންކަން ދެން ހޯދާފައިވަނީ ރާއްޖެ (2 ތަށި) އާއި ދެކުނު އޭޝިޔާ ޒޯނުން މިހާރު ބޭރުވެފައިވާ އަފްގާނިސްތާން (1 ތަށި) އާއި ބަންގްލަދޭޝް (1 ތަށި) އަދި ސްރީލަންކާ (1 ތަށި) އެވެ.