މިއަހަރުގެ ސެޕްޓެމްބަރ 9 ގައި ބާއްވަން ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ކުރުން މިމަހު 16 އިން އޮގަސްޓްމަހުގެ 5 ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީއިން ވިދާޅުވީ އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ މިމަހު ސޯޅައިން ފެށިގެން 29 ގެ ނިޔަލަށް ކަމަށާއި އަދި ޖުލައި 30 އިން އޮގަސްޓު 5 އަށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިީ ވޯޓާސް ލިސްޓަށް ލިބުނު 551 ޝަކުވާއަށް އިސީ އިން މިހާރު ޖަވާބު ދީފައިވާ ކަމަށާއި، ލިބުނު ޝަކުވާތަކާ ގުޅިގެން، ވޯޓުލާމީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފްތާތެރޭގައި ގެޒެޓް ކުރެވޭނެ ކަމަށެވެ.

އަދި މިހަފްތާތެރޭގައި ވޯޓުލާމީހުންގެ އެންމެ ފަހުގެ ލިސްޓުވެސް ޢާންމު ކުރާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ މި ލިސްޓުގައި ހިމެނޭ މީހުންނަށް އެކަނި ކަމަށްވެސް އީސީއިން ވިދާޅުވިއެވެ.

3 ސެޕްޓެމްބަރ 9 އަކަށް 18 އަހަރު ފުރޭ، 138،317 އަންހެނުންނާއި، 144،355 ފިރިހެންނާއެކު ޖުމްލަ 282،672 މީހުންގެ، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވެއެވެ.