ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯ އަކީ ހަމައެކަނި ރައްޔިތުންނަށް ހިދުމަތްދިނުމާ ހަމައިން އެކުންފުނީގެ މަސައްކަތްތައް ނިންމާލާ ކުންފުންޏަކަށް ނުވެއެވެ. ކުންފުނީގެ މުވައްޒަފުންނަށް ދީފައިވާ މަގާމުތަކަށް އެމުވައްޒަފުން ކުރާ މަސައްކަތާއި ހޭދަކުރާ ވަގުތާއި އެފަރާތްތަކުގެ ފެންވަރާއި ހިތްވަރުގެ އަގު އަބަދުވެސް ވަޒަންކުރާ ކުންފުންޏެއްގެ ގޮތުގައި އެސްޓީއޯ ފާހަގަ ކުރެވެއެވެ.

މުވައްޒަފުންގެ ލޯތްބާއި އެބައިމީހުންގެ އިތުބާރު ހޯދުމުގައި ކާމިޔާބު ލިބިފައިވާ އެސްޓީއޯއިން އެކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ އަދި ކުރަމުންދާ، ޒަމާންވީ ވަފާތެރި މުވައްޒަފުންނަށް ދޭ އެންމެ ބޮޑު އެއް ހަދިޔާއަކީ ހައްޖު ދަތުރުތަކޭ ބުނުމުގައި ގޯހެއް ނެތެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ ހައްޖު ސްކީމް ތައާރަފް ކުރީ 2016 ވަނަ އަހަރުގައެވެ. ހުރިހާ ހަރަދަކާއެކު އެކުންފުނިން ހުޅުވާލި މި ސްކީމުގެ ދަށުން ހައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމު ހުށަހަޅަން ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން މީގެ ކުރިން އެއްވެސް ފަހަރަކު ހައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން އެކުންފުންޏަށް ދިހައަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ފޯމުހުށަހަޅައި މިސްކީމުގައި ބައިވެރިވެވޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.

އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެއް ޖާގަ ހާއްސަ ކުރެވެނީ އުމުރުން އެންމެ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން އެކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ފަރާތަކަށެވެ. އަދި އެފަރާތުގެ މަސައްކަތަށާއި ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފަށްވެސް އެފަރާތް ވާނެއެވެ. އަނެއް ދެ ޖާގަ ލިބޭނެ ދެ ފަރާތަކީ ގުރުއަތުން ހޮވޭ ދެ ފަރާތެކެވެ.

ކޮންމެއަކަސް ނުހަނު އިންސާފުވެރިކަމާއެކު އެސްޓީއޯއިން ބަރާބަރަށް ހައްޖަށް މުވައްޒަފުން ފޮނުވަމުން އައިކަމުގައި ވިޔަސް ކޮވިޑުގެ ބަލިމަޑުކަމާއެކު އެހެން ހުރިހާ ކަމަކަށް ހުއްޓުން އަރައި ބުރޫ އެރި ބީދައިން އެސްޓީއޯގެ މި މާތްވެގެންވާ މަތިވެރި މަގުސަދުގައި ކުރަމުން އައި ކަންތަކަށްވެސް ހުއްޓުމެއް އަންނަން ޖެހުނެވެ. އެގޮތުން 2020ވަނަ އަހަރު އެކުންފުނިން ވަނީ ހައްޖަށްމީހުން ފޮނުވޭނެ ގޮތް ނުވެ މިކަން މެދުކެނޑިފައެވެ. އެހެނެއްކަމަކު މިއީ ދާއިމީ މެދުކެނޑުމެއް ނޫނީ ނިމުމެއް ކަމަަކަށް އެކުންފުނިން ނުހަދައެވެ. ކުންފުނިން ދިޔައީ މިކަމަށް އެންމެ އަވަސް ހައްލެއް ހޯދުމަށް ތާއަބަދުމެ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

އަދި ދެން 2020 ވަނަ އަހަރު ހައްޖަށް ދިއުމަށް ހޮވުނު ފަރާތްތަކަށް، މިދިޔަ އަހަރާއި މިއަހަރު ހައްޖަށް ފޮނުވުމުގެ އިންތިޒާމުތައް، އެސްޓީއޯއިން ވަނީ، ހަމަޖައްސާފައެވެ.

އެއަށްފަހު އަނެއްކާވެސް ކުރީ އަހަރުތަކެކޭ އެއްގޮތަށް، އެއުސޫލުގެ މަތިން، މި 2023 ވަނަ އަހަރުގެ ހައްޖުގެ މަތިވެރިއަޅުކަމުގައި ދިޔަ ދިވެހިންގެ ތެރޭގައި އަަނެއްކާވެސް އެސްޓީއޯގެ ހަރަދުގައި ހުރިހާ ކަމެއް އެކުންފުނިން ބަލަހައްޓާ ގޮތަށް ހަމަޖެހިގެން ތިން މުވައްޒަފަކު ވަނީ ހައްޖަށް ފޮނުވިފައެެވެ.

މިއީ ކުންފުންޏަކުން ކުރަމުން އަންނަ ފުރިހަމަ ހޭދައެކެވެ. ކުންފުނީގެ މުވައްޒަފުންގެ ލޯތްބާއި އެމީހުންގެ ހިތް އެކުންފުންޏަށް ފުންމިނުން ލެބިފައިވާ ކަމުގެ އެއް ސިއްރެވެ. އެސްޓީއޯއަކީ ހަމައެކަނި ރައްޔިތުންގެއެއް ނޫނެވެ. އެހެނެއްކަމަކު މުވައްޒަފުންގެވެސް ގާތް އެކުވެރިޔެއްކަން ޔަގީނެވެ.