މި ސަރުކާރުން މާލެ މީހުންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންނަށް ކުރިއަށް މިއޮތް އޮގަސްޓު މަހުގެ ތެރޭ ގޯތި ހަވާލުކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ، މިއަދު ހަވީރު ކާފު ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހް ވިދާޅުވީ ގުޅީފަޅު ބިން ހިއްކުމުގެ މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ހިންގާ މަޝްރޫއަކަށް ވިނަމަވެސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެންދާނެ، ތަރައްގީގެ ބިޔަ މަޝްރޫއެއް ކަމަށެވެ. އަދި ބިން ވެރިޔާ ސްކީމްުގައި މީގެ ކުރިން 5000 ގޯތި ދޭން ނިންމާފައި ވީ ނަމަވެސް މިހާރު 6200 ގޯތި ދޭން ވަނީ ނިންމާފައިކަމަށްވެސް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.
އަދި މިއާއެކު މީގެ އިތުރުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކަށް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ގޯތި ދޭން ވަނީ ނިންމާފައިކަމަށާއި އޮގަސްޓުމަހު ތެރޭގައި ގޯތި ދޫކުރަން ފަށާނެކަމަށް ވެސް ރައީސްސާލިހުގެ މިއަދުގެ ވާހަކަފުޅުގައި ވަނީ ހާމަކޮށްފައެވެ.
ގުޅީފަޅު ބިމަށް މި ސަރުކާރުން އިތުރު ކުރި 42 ހެކްޓަރުގެ ބިމާއެކު، މިހާރުވެސް ގުޅީފަޅު 68 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައި ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި މިއަދު މި ފަށާ މަޝްރޫއުގެ ދަށުން އިތުރު 150 ހެކްޓަރުގެ ބިން ގުޅީފަޅު ސަރަހައްދަށް އިތުރު ކުރެވޭނެ ކަމަށާއި ޖުމްލަ 218 ހެކްޓަރުގެ ބިން ގުޅީފަޅުގައި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ބިމުން މާލެ ރައްޔިތުންނަށް މަދުވެގެން 2000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތާ ބެހޭ ގޮތުން އަލިއަޅުވަމުން ރައީސް ވިދާޅުވީ އެ ތަނުން 20 ހެކްޓަރުގެ ބިިން ހިއްކާފައިވާ ކަމަށެވެ. މިއީ ވެސް މަދުވެގެން 2000 ގޯތި ދޫކުރެވޭނެ ތަނެއްކަމަށާއި އަދި ހުޅުމާލެއިން ވެސް މަދުވެގެން 2200 ގޯތި ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހުރިހާ ސަރަހައްދަކާއެކު މި ބުރުގައި މުޅިއެކު ޖުމުލަ 6200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައިސް ވިދާޅުވިއެވެ.
ޖުމްލަ 23000 އަށް ވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ "ބިންވެރިޔާ ސްކީމް"ގައި ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދޭނެ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި މި ބިޔަ ބޮޑު މަޝްރޫއު ނިމޭ އިރު އެ ސްކީމަށް ފޯމު ލައި ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ރައީސްވަނީ ދެއްވާފައެވެ.
ގޯތި ދިނުމަށް ހަމަޖެހިފައިވާ އެއް ސަރަހައްދު ކަމަށްވާ ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް މިއަދު މި ވަނީ ރަސްމީކޮށް ފަށްޓާފައެވެ. އަދި މި އަންނަ އަހަރު ތެރޭ އެ ސަރަހައްދުތަކަށް ދަތުރު ކުރެވޭނެހެން އަޅާ ބްރިޖުގެ މަސައްކަތް ނިމޭނެކަމަށާއި، އެ ބްރިޖުގައި ދަތުރުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހިސާބަށް މިމަސައްކަތް ގޮސް ބުރިޖުން ގުޅީފަޅަށް ދަތުރު ކުރެވެން ފެށުމާއެކު ދެން ގިރާވަރާ ހަމައަށް ބްރިޖްން ގުޅާލުމުގެ މަސައްކަތް ފެށްޓޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ބޭނުންވާ ބިމުގެ އެއްބައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ހަމަޖެހި ނިމިފައި ކަމަށް ވެސް މިއަދުގެ ވާހަކަފުޅުގައި ރައީސް ވަނީ ވިދާޅުވެފައެވެ. ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.