ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި ގޮތަށް ޝަރުތު ހަމަވާ ކޮންމެ މީހަކަށް ގޯތި ކަނޑައި، ލިސްޓު ހުސްކުރާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ މިއަދު ހަވީރު ކާފުގުޅީފަޅު ބިންހިއްކުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް 1997 ވަނަ އަހަރުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ، އެހެން ނަމަވެސް މިއަދާ ހަމައަށް އައިއިރު ހައްލެއް ނުލިބުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެހެން ސަރުކާރުތަކުގައި މި ބޮޑު މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތްކުރީ އެކަށީގެންވާ ސްޕީޑެއްގައި ނޫން ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި މިހާތަނަށް އައިއިރު ގޯއްޗާއި ފްލެޓްތައް ދީފައިވަނީ މަދު ބަޔަކަށް ކަމަށެވެ. މިހާ ބޮޑު މައްސަލައަކަށް ބޮޑު ހައްލެއް ގެނެސްދީފައި ނުވާކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"އެތިއެތިކޮޅު ދެމުންދިޔައީ. 200 ފްލެޓް އަދި 400 ފްލެޓް. ބޮޑު މައްސަލައަކަށް ހައްލެއް ހޯދުމަށް އެބަޖެހޭ އެމައްސަލައަށް އެކީގަ އެޑްރެސްކުރަން. މިކަމާ ވަރަށް ބޮޑަށް ވިސްނަވާފަ ރައީސް ނިންމެވީ މާލޭގެ މި މައްސަލައަށް އަޅުގަނޑުމެން އެބަޖެހެއޭ ގިނަ އަދަދަކަށް އެއްފަހަރާ މީހުންނަށް ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދޭން. އެއީ ފްލެޓް އެކަންޏެއް ނޫން. ހަމައެކަނި ފްލެޓް އަޅައިގެން މިކަން ހައްލުވާކަށް ނެތް. އެބަޖެހޭ މާލޭގެ ރައްޔިތުންނަށް އުޅެވޭނެ ބިމެއް ދޭން. ފޮތިފޮތި ކުރަމުން ގޮސް ކުދިކުދި ތަންކޮޅަށް ވެފަ ހުރި ބިންތައް އެބަޖެހޭ ހައްލެއް ލިބެން. އެ ބިންތައް ހުސްކޮށްފަ ސަރުކާރަށް ނެގުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. އާއިލާތަކުގެ ތެރެއިން މި ސްކީމްގެ ދަށުން ބިން ލިބޭ ފަރާތްތަކަށް ލިބޭ މާލޭގަ އޮތް ތަންކޮޅު ދޫކޮށްލާފަ އެ އާއިލާގަ ބާކީ ހުރި މީހަކަށް (އެއްބަނޑުއެއްބަފާ ވާރުތަވާން ތިބި ބަޔަކަށް ބިންކޮޅު) ދޫކޮށްލާ، އެމީހުންނަށް ވެސް ހައްލެއް އައުން."
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ؛ މުހައްމަދު އަސްލަމް މިނިސްޓަރު

މިސަރުކާރުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ތަރައްގީގެ ބޮޑު ޕްލޭނެއް އެބަ އޮތް ކަމަށްްވެސް ވިދާޅުވިއެވެ. ރައީސް ސާލިހު ނިންމަވާފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގޮސް އޮގަސްޓު މަހުގެ ތެރޭގައި ބިންވެރިޔާ ސްކީމްގައި ގޯތި ލިބޭނެ ކަމަށް ކަނޑައެޅިފައިވާ މީހުންނަށް ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން ވެސް އަސްލަމްގެ ވާހަކަފުޅުގައި ހާމަކޮށްދެއްވިއެވެ.

"ފަހަރަކު ގުރޫޕަކަށް، ފަހަރަކު ގުރޫޕަކަށް، ކޮންމެ ދުވަހަކު މީން ރަށަކުން (ހުޅުމާލެއިން، ގުޅީފަޅުން، ގިރާވަރު ފަޅުން) ބިން ކަނޑަމުން ކޮންމެ ދުވަހަކު ވެސް ބިން ކަނޑާނަން. ކަނޑަމުން ކަނޑަމުން ގޮސް ރައީސް ވިދާޅުވިހެން މުޅި ލިސްޓުގަ، ލިބޭނެ ކަމަށް ޝަރުތުހަމަވާ މީހުންނަށް އެންމެނަށް ގޯތި ދީ ހުސްކުރާނަން."
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ؛ މުހައްމަދު އަސްލަމް

ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ފެށްޓުމާއެކު ކޮވިޑުގެ ބަދުނަސީބާ ކުރިމަތިލާން ޖެހުނުނަމަވެސް މިއަދު އަނެއްކާވެސް އެމަސައްކަތް މިވަނީ ބާރުމިނެއްގައި ކުރިއަށް ދާންފަށާފައިކަމަށެވެ. އަދި މިހުރިހާ ކަމަކަށް އަމާޒުވާ ފާޑުކިޔުންތަކަށް ރިއެކްޓްނުކުރާނެކަން ވެސް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މަސައްކަތްތައް ކުރުމަށް މާގިނަ ވާހަކަތަކެއް ނުދައްކާނެ ކަމަށެވެ. ފައިސާ ހަމަޖެހި، ވަގުތު ޖެހުމުން މަސައްކަތްތައް ކުރިއަށްދާތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާ ފުރުސަތުގައި ލިބޭ ޝަކުވާތައް ބަލައި އެކަންތައްތަކަށް ހައްލު ގެނެސް އެންމެ ލަސްވެގެން މި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯއްޗަށް އެދި ހުށަހަޅައި، ޝަރުތު ހަމަވި އެންމެންނަށް، ގޯތި ލިބެންދެން ލިސްޓް ދެމެހެއްޓުން ކަމަށްވެސް ރައީސްސާލިހު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިހިނދުން ފެށިގެން މިސަރުކާރުން ސޮއިކުރާ ކޮންމެ އެގްރީމެންޓެއް، އަޅާ ކޮންމެ ބިންގަލެއް، އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ، ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުންކަމުގައެވެ.