ސައުދީ ކްލަބުތަކުގެ ހުށަހެޅުންތަކެއް އިޓަލީގެ ތަޖުރިބާކާރު ގޯލް ކީޕަރު ޖިއަލުންޖީ ބުފޮން އާއި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ހުނަރުވެރި މިޑްފީލްޑަރު ބާނާޑޯއަށް ލިބިފައިވާ ކަމަށް އިޓަލީ އާއި އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ބުފޮންއަށް ލިބުނު ހުށަހެޅުމުގެ ތަފްސީލް:

އިޓަލީ ގައުމީ ޓީމަށް 21 އަހަރު ކުޅުނު ބުފޮންއަށް ސައުދީ ޕްރޯ ލީގުން ހުށަހަޅާފައި ވަނީ އަހަރަކު 30 މިލިޔަން ޔޫރޯގެ ކޮންޓްރެކްޓެކެވެ. ތިން އަހަރުގެ މިއެއްބަސްވުމުގެ ދަށުން، ބުފޮންއަށް މިހާރުވެސް އޭނާ ކުޅެމުން އަންނަ އިޓަލީގެ ޕާމާގައި ރިޓަޔަރ ކުރުމުގެ ފުރުސަތު ލިބިދޭ ކަމަށް އިޓަލީގެ މަޝްހޫރު ކޮރިއެރޭ ޑެއްލޭ ސްޕޯޓްއިން ބުނެއެވެ. އެކަމަކު ބުފޮންއަށް ހުށަހެޅުން ހުށަހަޅާފައި ވަނީ ކޮން ކްލަބަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބާނާޑޯ ސިލްވާއަށް ލިބުނު ހުށަހެޅުމުގެ ތަފްސީލް:

ސްޕެއިނުގެ ޗެމްޕިއަން ބާސެލޯނާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއިން ފާރަލަމުން އަންނަ މެންޗެސްޓަރ ސިޓީގެ ހުނަރުވެރި މިޑްފީލްޑަރު ބާނާޑޯ ސިލްވާއަށް ހުށަހެޅުން ލިބިފައި ވަނީ ހަފްތާއަކު 1.1 މިލިޔަން ޑޮލަރުގެ ހުށަހެޅުމެއް ކަމަށް "ޑެއިލީ ސްޓަރ" އިން ބުނެއެވެ. މިއީ މިހާރު އޭނާއަށް މެންޗެސްޓަރ ސިޓީގައި ލިބެމުން އަންނަ މުސާރައާއި ބަލާއިރު ނިސްބަތުން ބޮޑު އަދަދެކެވެ.

މެންޗެސްޓަރ ސިޓީއާއެކު ހުރިހާ ތައްޓެއް ހާސިލް ކޮށްފައިވާ ބާނާޑޯ ސިލްވާއަށް ހުށަހެޅުން ލިބިފައިވަނީ ކޮން ކްލަބަކުން ކަމެއް "ޑެއިލީ ސްޓަރ" އިން ހާމަ ކޮށްފައެއް ނުވެއެވެ.

ސައުދީ ޕްރޯ ލީގުގެ ހުށަހެޅުންތަކެއް ބުފޮން އާއި ބާނާޑޯ ސިލްވާއަށް ލިބިފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފައިވާއިރު، މިހާރު ހިނގަމުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި މަޝްހޫރު ކަރީމް ބެންޒީމާ އާއި އެންގްލޯ ކަންޓޭ ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ. އަދި މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯވެސް ކުޅެމުން އަންނަނީ ސައުދީ ލީގުގައިކަން ފާހަގަ ކޮށްލެވެއެވެ.