ކީރިތި ޤުރުއާނުގެ ހުރުމަތް ކަނޑައި ގެއްލުންދިނުމަކީ ހައްދު ހައްދުފަހަނައަޅައި ދިޔުން ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީ) އިން އިއްޔެ ގޮވައިލައިފިއެވެ.
ކީރިތި ޤުރުޢާނުގެ ހުރުމަތް ކަނޑައި ޤުރުޢާނަށް ގެއްލުންދޭ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް އޯއައިސީއިން ގޮވާލީ، މިދިޔަ އަޟްހާ ޢީދު ދުވަހު ސްވިޑްންގެ ވެރިރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތް ކުރުމަތީގައި އެގައުމުގެ ފުލުހުންގެ ހިމާޔަތުގައި ހުރެ އިރާޤަށް ނިސްބަތްވާ މީހަކު ކީރިތި ޤުރުޢާން އެންދި މައްސަލައާ ގުޅިގެން އެޖަމުޢިއްޔާއިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ބްރާހިމް ތާހާ ވިދާޅުވީ ދީނީ މުޤައްދަސް ފޮތްތަކަށް ގެއްލުން ދިނުމަކީ މިހާރުވެސް ބައިނަލްއަގުވާމީ ޤާނޫތަކުގެ ދަށުން މަނާކަމެއް ކަމަށާއި ބައިނަލްއަގުވާމީ މުޖްތަމައަށް މިކަން ހަނދާން ކޮށްދޭ ކަމަށެވެ.
"ކީރިތި ޤުރުއާނުގެ މުޞްޙަފުތަކުގެ ހުރުމަތް ކަނޑުމާއި ގެއްލުންދީ، ދީނީ ގޮތުން ނަފްރަތު ފަތުރުރަން މަގުފަހި ކުރާ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން މިހާރުވެސް މަނާ ކަމެއް. މިކަން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހަނދާން ކޮށްދެން" ޠާހާ ވިދާޅުވިއެވެ.
ކީރިތި ޤުރުޢާން އަންދައި މުސްލިމް އުއްމަތް ރުޅިއެރުވި މައްސަލާގައި، އިސްލާމީ ގިނަ ގައުމުތަކެއްގެ ނުރުހުން އަމާޒުވުމުން ސްވިޑަން ސަރުކާރުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނީ ކީރިތި ޤުރުޢާނަށް އަންދައި ޤުރުޢާނަށް އިހާނެތިކޮށް ހިތީ އެގައުމުގެ ސަރުކާރުން ރުހިގެން ނޫން ކަމަށެވެ. އަދި ކީރިތި ޤުރުޢާނަށް އިހާނެތިކޮށް ހިތުމަކީ ސްވިޑްއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް މިބަޔާނުގައި ވަނީ ބުނެފައެވެ. ސްވިޑަންގެ ބަސްމަގު ބަދަލުވެފައި މިވަނީ މުޅި އިސްލާމީ އުއްމަތުގެ ރުޅިއާއި ނަފްރަތު ސްވިޑަންއަށް އަމާޒުވުމުންނެވެ.
ކީރިތި ޤުރުޢާންގެ ހުރުމަތް ކެނޑި މައްސަލާގައި އިސްލާމީ ވަރަށް ގިނަ ޤައުމުތަކުން ވަނީ އެޤައުމުތަކުގައި ތިއްބަވާ ސަފީރުން އެގައުމުގެ ޚާރިޖީ ވުޒާރާތަކަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. މިމައްސަލާގައި އެންމެ ބޮޑަށް ސްވިޑަންއާ ދެކޮޅަށް ނުރުހުން ފާޅު ކުރަމުން ދަނީ ނޭޓޯގެ މެމްބަރު ގައުމެއް ކަމަށްވާ ތުރުކީ ވިލާތުންނެވެ. ސްވިޑަންއަކީ ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ.
އޯއައިސީގެ ކުއްލި ބައްދަލުވުމާއުި ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިންވެސް ވަނީ ސްވިޑަންގައި ކީރިތި ޤުރުޢާން އެންދި މައްސަލަ ކުއްވެރިކޮށް ބަޔާނެއް ނެރެފައެވެ. އީޔޫގެ ބަޔާނުގައި ބުނެފައި ވަނީ ކީރިތި ޤުރުޢާން އެންދުމަކީ ދީނީ ނަފްރަތު އުފެދޭނެ މައްސަލައެއް ކަމަށާއި ސްވިޑަންގައި ހިނގައި ދިޔައީ އެޖަމައާތަށް ބަލައިގަނެވޭނެ އަދި އެކަމަށް ތަރުހީބު ދެވޭނެފަދަ އަމަލެއް ނޫން ކަމަށެވެ.
ކީރިތި ޤުރުޢާނުގެ ހުރުމަތް ކެނޑުން ކުށްވެރި ކުރަމަށް އޯއައިސީއިން ބޭއްވި ބައްދަލުވުމުގައި ރާއްޖެއިންވެސް ބައިވެރިވިއެވެ. މިބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރެއްވީ އެޖަމިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ޚަލީލެވެ.
މިބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރައްވައި ޚަލީލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސްވިޑަންގައި ކީރިތި ޤުރުޢާން އަންދައި ޤުރުޢާނަށް އިހާނެތިކޮށް ހިތުމަށް ހިންގި ޢަމަލަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބަހަނާގެ ދަށުން ގަބޫލު ކުރެވޭނެ އަމަލެއް ނޫންކަމަށް ދިވެހިރާއްޖެއިން ދެކޭ ކަމުގައި ޚަލީލް ވިދާޅުވިއެވެ.
ސްވިޑަންއިން މިހާރު ވަނީ، ކީރިތި ޤުރުޢާން އެންދައި ޤުރުޢާނަށް އިހާނެތިކޮށް ހެދި މިހާ ހައްޔަރުކޮށް އޭނާގެ ތަހްގީގް ފަށާފައެވެ.