ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން ނެރުނު މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 08:15 އިން ފެށިގެން 10:00 އަށް ހަމައަށެވެ.

އަދި އެ ވަގުތުގައި ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނޭކަމަށްވެސް މެޓުން ވަނީ ލަފާކުރައްވާފައެވެ.

މީގެއިތުރުން މެޓުންވަނީ މީގެ ގަޑިއެެއްހާއިރު ކުރިން މިއަދު ހެނދުނު 7:00 އިން ފެށިގެން 10:00 ހަމައަށް ތ. އަތޮޅުން ފެށިގެން ގދ. އަތޮޅުތަކާ ހަމައަށްވެސް ރީނދޫ ސަމާލު ނެރެފައެވެ. އެ ސަމާލުގައިވެސް ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނޭކަމަށެވެ.

މި ދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯވެސް ވިއްސާރަވާ ދުވަސްވަރެކެވެ. އެހެންކަމުން ވިއްސާރަ ދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.