އެމްޑީޕީން އެދިގެން މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުގެ ޖަލްސާ ފެށުމާއެކު، ތިން މިނެޓުތެރޭ ނިންމާލައިފިއެވެ.

މިއަދު ހެނދުނު 9:00ށް ތާވަލު ކޮށްފައިވާ މި ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ. ޖަލްސާ ފައްޓަވަމުން އަފީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެ ޕާޓީން ވަކިވެވަޑައިގެންފައިވާތީ އެމްޑީޕީގެ އަދަދު މިހާރު ކުރިން ހުރި ވަރަށްވުރެ ދަށް ވެފައިވާކަމަށެވެ.

އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ އަދަދު މިހާރު ކުރިން ހުރިވަރަށްވުރެ އިތުރު ވެފައިވާކަމަށް އަފީފް ވިދާޅުވިއެވެ. މިހާރު ހުށައެޅިފައިވާ ރިޕޯޓަށް އެގޮތުގެ މަތިން ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޖަލްސާ ކުރިއަށް ގެންދެވޭނީ މިހާރު އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެންބަރުންނަށް ފޯރުކޮށްދީ، އެއަށް މެންބަރުން ހުށައަޅުއްވަން ޖެހޭ އިސްލާޙުތައް ހުށައެޅުއްވުމުން ކަމަށެވެ.

މީގެއިތުރުން ނިޒާމީ ނުކުތާ ނަންގަވަން ބޭނުންވާކަމަށް ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނިކޮށް، އަފީފް ވަނީ ޖަލްސާ ފެށުނުތާ މާގިނައިރުތަކެއް ނުވަނީސް ޖަލްސާ ނިންމަވާލައްވާފައެވެ.

މިހާރު އެމްޑީޕީގައި ތިއްބެވީ 54 މެންބަރުންނެވެ. އޭގެ އިތުރުން، ޕީޕީއެމްގައި ފަސް މެންބަރުން، އެމްއެންޕީގައި ތިން މެންބަރުން، ޖޭޕީގައި ދެ މެންބަރުން، އެމްޑީއޭގައި ދެ މެންބަރުން، އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ އަށާރަ މެންބަރުން ތިއްބަވައެވެ.