ހިސާރު ކޮށްފައިވާ ފަަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން އާއި ޖެނިން ކޭމްޕަށް އިޒްރޭލުގެ ހައްދުފަނައެޅި ސިފައިން ދެމުން އަންނަ ހަމަލާތަކުގައި އިތުރު 5 މީހަކު މިއަދު ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީނުގެ ފަސް މީހަކު އިޒްރޭލުން ޝަހީދު ކޮށްލާފައި މިވަނީ ޖެނިން ކޭމްޕުގެ އިމާރާތަކަށް ރޭ އިޒްރޭލުގެ ވައިގެ ސިފައިންދިން މިސައިލް ހަމަލާތަކުގައި ރޭ 3 މީހުން ޝަހީދު ވެފައި ވަނިކޮށެވެ.
އިޒްރޭލުން މިއަދު ދިން ހަމަލާތަކުގައި 5 މީހަކު ޝަހީދު ކޮށްލުމުގެ އިތުރުން މިހަމަލާތަކުގައި ފަންސާހަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަ ކުރައްވައެވެ.
އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ އަސްކަރިއްޔާއިން ބުނާ ގޮތުގައި ޖެނިން އާއި ޖެނިން ކޭމްޕާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކަކީ އެއަވަށުގައި އިޒްރޭލުން 2002 ވަނަ އަހަރުގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ ހަރަކާތް ކަމަށެވެ.
އަދި އަސްކަރީ ހަރަކާތުގެ އަމާޒަކީ ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި މަސައްކަތްކުރާ ފަަލަސްތީނުގެ މުޖާހިދުން ހަތިޔާރު ރައްކާ ކުރާ ތަންތަން ނައްތާލައި މުޖާހިދުންގެ ބާރުކަނޑުވާލުން ކަމަށެވެ.
ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުން ޖެނިންއާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގަމުން އަންނަނީ ބުލްޑޯޒަރުތަކާއި ޓޭންކަރުތަކާއެކު އަރައެވެ. އަދި ބަޑީގެ އަޑުފަށްގަނޑު ކެނޑިނޭޅި އިވެމުން އަންނަ ކަމަށެވެ.
ފަލަސްތީނުގެ ރައީސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދެއިނާ ސީއެންއެން ދިން ބަސްދީގަތުމެއްގައި ވިދާޅުވީ އަމިއްލަ ނަފްސް ދިފާއު ކުރެވޭނެ ފަދަވެސް ނެތް ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން އިހްސާސްނުވާހާ ހިނދަކު އިޒްރޭލުގެ ރައްޔިތުންނަށްވެސް ރައްކާތެރިކަން ކަށަވަރު ނުވާނެ ކަމަށެވެ.