ކުރީގެ ރައީސް، އަދި އިދިކޮޅު ޕީޕީއެމް- ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށްޓަކައި ޔާމީންގެ ސަޕޯޓަރުން ދޮރުން ދޮރަަށް ކެމްޕެއިން ހަރަކާތްތައް ފަށައިފިއެވެ. ޔާމީންގެ ރިޔާސީ ކެމްޕޭން މާލޭ ސަރަހައްދުގެ ގޭގެއަށް ގޮސް، ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ހަފްތާ ތެރޭގައި އެ ކޯލިޝަންގެ ޓީމުތަކުން މި ސަރަހައްދުގެ ހުރިހާ ގެއަކަށް ޒިޔާރާތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ސާފުކުރާނެ ކަމަށް ކޯލިޝަންގެ ކަންކަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އަބްދުއްރަހީމް އަބްދުﷲ މިހެން ވިދާޅުވީ މިކެމްޕޭނާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އަދި ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކެމްޕޭނު ހަރަކާތްތައް ފެށިގެން ދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"މި މަސައްކަތް ނިންމާނީ އިރާދަކުރެއްވިއްޔާ އިންތިހާބާ އެކީގައި. އެ އިންތިހާބު ނިމިގެންދާނީ އިރާދަކުރެއްވިއްޔާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މި އިންތިހާބު ކާމިޔާބުކުރައްވައިގެން." އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީނަށް، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމާ މެދު ސުވާލު އުފެދުނުކަމުގައިވިޔަސް، ޔަމީނާ އެކު އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ހަމައެހެެންމެ ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފްގެ މައްސަލަ ނިމުމުން އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ސާބިތުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެހިސާބުން ކެމްޕެއިންގެ ކަންކަން ވެސް މުޅިން "އެހެން ގިޔަރަކަށް" ޖައްސާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީންގެ އިތުރުން މިހާތަނަށް އިންތިހާބުގައި ވާދަކުރުމަށް ނިންމައި އެކަން އިއުލާނުކުރައްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއެވެ. ރައީސް ސާލިހުގެ ކެމްޕޭނު ށ. ފޯކައިދޫގައި އަންނަ ބުދަ ދުވަހު ފަށާނެކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމ،ްޕޭނު ހަރަކާތްތައް ރަށްރަށުގައި ފަށާފައި ވާއިރު އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ކެމްޕޭނު މިދިޔަ މެއި މަހު ލޯންޗުކުރުމަށްފަހު އެކި ރަށްރަށުގައި އެ ކެމްޕޭނު ހަރަކާތްތައް ދަނީ ގެންދަމުންނެވެ.

އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިނިވަން ކެންޑިޑޭޓެއް ގޮތުން ކުރިމަތިލައްވާއިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން އަލަށް އުފައްދާ 'ދަ ޑިމޮކްރެޓްސް'ގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރޭނެކަން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އަދި މިފަރާތްތަކުން ކެމްޕެއިން ހަރަކާތްތަކެއް ރަސްމީކޮށް ފަށްޓަވާފައެއް ނުވެއެވެ.