އިނގިރޭސި ގައުމީ ޓީމާއި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް، ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގުގެ ކޯޗް ކަމާ މިއަދު ހަވާލުވެއްޖެއެވެ.

މިފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ކަރީމް ބެންޒީމާ އާއި އެންގްލޯ ކަންޓޭގެ އިތުރުން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ސައުދީ ލީގަށް ގެންގޮސްފައިވާއިރު، ޖެރާޑަކީ ސައުދީ ލީގަށް މިފަހަރުގެ ޓްރާންސްފާގައި ބަދަލުވި މަޝްހޫރު ފުރަތަމަ ކޯޗެވެ.

ކުރިން ސްކޮޓްލޭންޑުގެ ރޭންޖާސް އާއި އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަންވިލާގައި ހެޑް ކޯޗެއްގެ ގޮތުގައި ޖެރާޑް ވަނީ މަސައްކަތް ކޮށްފައެވެ. މީގެ ތެރެއިން ރޭންޖާސްއާއެކު ސްކޮޓިޝް ޕްރިމިއަރޝިޕުގެ ޗެމްޕިއަންކަން ހޯދިއެވެ. އެކަމަކު އެސްޓަންވިލާގައި އެދެވޭ ނަތީޖާތަކެއް ނުނެރެވުނެވެ.

ޖެރާޑް،43، އަލް އިއްތިފާގެ ކޯޗް ކަމަށް ހަމަޖެއްސިކަން އެކްލަބުން އިއުލާން ކުރީ މިއަދު ކުރި ޓްވީޓެއްގައެވެ. އެކަމަކު ކޯޗް ކަމަށް ޖެރާޑް ހަމަޖެއްސީ ކިތައް ސީޒަނަށް ކަމާއި ކިހާވަރެއްގެ މުސާރައަކަށް ކަމެއް އަލް އިއްތިފާގުން ހާމަކޮށްފައެއް ނުވެއެވެ.

އަލް އިއްތިފާގުން މިދިޔަ ސީޒަން ނިންމާލީ ސޯޅަ ޓީމު ވާދަ ކުރާ ސައުދީ ޕްރޯ ލީގުގެ 6 ވަނައިގައެވެ.