ޕެރިސް، ޖުލައި،4 /ޓާސް/: ފްރާންސުގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ފާއިތުވެދިޔަ ތިން ދުވަހުގެ ތެރޭގައި 32،00 މީހުން ހައްޔަރު ކޮށްފައިވާނެ ކަމަށް އެގައުމުގެ މިނިސްޓަރ އޮފް އިންޓީރިއަރ ޖެނެރަލްޑް ޑަރމަނިން ވިދާޅުވެއްޖެއެވެ.

ފްރާންސްގެ އާންމުން މަގުތަކަށް ނިކުމެ ހަމަނުޖެހުން ހިންގަން ފެށީ ޖޫން މަހުގެ 27 ވަނަ ދުވަހު، ޓްރެފިކް އޮފިސަރެއްގެ އަމުރަށް ތަބާވުމަށް އަލްޖީރިއާ އިން ފްރާންސަށް ހިޖުރަ ކޮށްފައިވާ އުމުރުން 17 އަހަރުގެ ފުރާވަރު ކުއްޖަކު ދެކޮޅު ހެދުމުން އޭނާ ގަޔަށް ބަޑި ޖަހައި ފުލުހުން އެކުއްޖާ މަރާލި ހާދިސާއާ ގުޅިގެންނެވެ.

"ގާނޫނު ތަންފީޒުކުރާ ފަރާތްތައް ވަރަށް ހަރަކާތްތެރި. ތިން ދުވަހުގެ ތެރޭގައި ޖުމްލަ 3،200 މީހުން ބަންދުކޮށްފައިވާއިރު، މިއީ މީގެ ކުރިން ނުފެންނަ އަދަދެއް" ޑަރމަނިން ވިދާޅުވިއެވެ.

ޑަރމަނިން ފާހަގަ ކުރެއްވި ގޮތުގައި ހައްޔަރު ކުރެވިފައިވާ މީހުންގެ ތެރޭގައި ގިނައީ 17 އަހަރުގެ ފުރާވަރު ޒުވާނުންނެވެ.

"މި 3،200 މީހުންގެ ތެރެއިން %60 މީހުންނަށް މީގެ ކުރިން ގާނޫނާ ގުޅޭ އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވޭ" ޑަރމަނިން ވިދާޅުވިއެވެ.

ޑަރމަނިން ވިދާޅުވީ މުޒާހަރާތަކަށް ނިކުންނަ ފަރާތްތައް ހައްޔަރު ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި މުޒާހަރާގައި ހަރަކާތްތެރިވާނަމަ އިންޒާރު ދިނުމެއް ނެތި ހައްޔަރު ކުރަން ޖެހޭނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ. "އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ކަނޑައަޅާފައިވާ އިންތައް ފަހަނައަޅައިދާ މީހުންނާ އިތުރަށް އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހޭނެ ކަމަކަށް" ޑަރމަނިން ވިދާޅުވިއެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ ކަމާބެހޭ ފަރާތްތައް ފުލުހުންނާއި އެއްކޮޅަށް ތިބޭނެ ކަމަށާއި މުޅި ފްރާންސްގެ އާންމު ހަމަޖެހުން އަލުން ގާއިމް ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިންޓީރިއާ އާއި ޖަސްޓިސް މިނިސްޓްރީން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅަމުން ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.