ހިސާރު ކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިންގައި އިޒްރޭލުން ހިންގަމުން އަންނަ އަސްކަރީ ހަރަކާތަކީ "ހަގީގީ ގަތުލު އާންމެއް ކަމަށާއި ސިޓީގެ އެތެރޭގެ ދިރިއުޅުމާއި ކޭމްޕްގެ ހުރިހާ ކަމެއް ފޮހެލުމަށް ކުރާ މަސައްކަތެއް" ކަމަށް ފަލަސްތީނުގެ ޖެނިން އަވަށުގެ މޭޔަރު ނިދާލް އޮބެއިދީ ވިދާޅުވެއްޖެއެވެ.
"އިޒްރޭލުގެ ހަމަލާތައް އަމާޒުވެފައިވާ މީހުންނަކީ ހަމައެކަނި ދެކޮޅުވެރި ހަނގުރާމަވެރިންނެއް ނޫން، އާންމުން މަރުވެ އާންމުން ދަނީ ޒަޚަމްވަމުން،" އުމުރުން 56 އަހަރުގެ އޮބެއިދީ އަލްޖަޒީރާއަށް ވިދާޅުވި އެވެ.
އިޒްރޭލުން ރެއިން ފެށިގެން ޖެނިންއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 9 މީހުން ޝަހީދު ކޮށްލައި 79 މީހުން ވަނީ ޒަޚަމް ކޮށްލާފައެވެ. އަދި މިހާރު ފަށާފައިވާ އަސްކަރީ އޮޕަރޭޝަނަކީ ޖެނިންއާ ދެކޮޅަށް މިދިޔަ 20 އަހަރު ތެރޭގައި އިޒްރޭލުން ހިންގާ އެންމެ ވަރުގަދަ އަސްކަރީ އޮޕަރޭޝަން ކަމަށް ހައްދު ފަހަނައަޅާފައިވާ އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެއެވެ.
“މިހާރު ހަމަލާތައް އަމާޒު ކުރަމުން ދަނީ ކޭމްޕްގެ އިންފްރާސްޓްރަކްޗާ މުޅިން ހަލާކު ކޮށްލުމަށް. އިޒްރޭލު ސިފައިން އަމާޒު ހިފާފައި ހުރީ ފެން ނެޓްވޯކްތަކުގެ މައި ލައިންތަކާއި ނަރުދަމާ ނިޒާމުގެ އިތުރުން ފުރާޅުތައް މަތީގައި ހުރި ފެން ޓޭންކްތައް ހަލާކު ކޮށްލުމަށް” އޮބެއިދީ ވިދާޅުވި އެވެ.
“މުނިސިޕަލްޓީއެއްގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ކޭމްޕްގެ ރައްޔިތުންނާ މެދު އަޅުގަނޑުމެންގެ ވާޖިބު އަދާކުރަން، އެކަމަކު އިސްރާއީލުގެ ސްނައިޕަރުން ތިބުމުން މުނިސިޕަލްޓީގެ ކްރޫންނަށް އެމީހުންގެ މަސައްކަތް ކުރިއަށް ނުގެންދެވި މަޑު ޖެހިފައި މިވަނީ" އޮބެއިދީ އަލްޖަޒީރާއަށް ދެއްވި ބަސްދީ ގަތުމުގައި ވިދާޅުވިއެވެ.
އޮބެއިދީ ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން މިވަގުތު ޖެނިން ކޭމްޕްގައި ފެން ލިބޭނެ ގޮތެއްވެސް ނެތް ކަމަށެވެ.
ޖެނިން އަވަށާއި އަދި ޖެނިން ރެފިއުޖީ ކޭމްޕާ ދެކޮޅަށް ވަރުގަދަ ޢުދުވާންތަކެއް އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ފަށާފައި މިވަނީ އިޒްރޭލުގެ ރައްޔިތުންނަަށް ރައްކާތެރިކަން ހޯދައިދޭން ކަމަށް ބުނެއެވެ.
އިޒްރޭލުގެ ޢުދުވާންތައް ކުއްވެރިކޮށް ޢަރަބި އިސްލާމީ ޤައުމުތަކުން ދަނީ ބަޔާންތައް ނެރެ ޢުދުވާން ވަގުތުން ހުއްޓާލުމަށް އިޒްރޭލަށް ގޮވާލަމުންނެވެ.