އަފްޣާނިސްތާނުގައި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ހެއަރ އެންޑް ބިއުޓީ ސެލޫންތައް ބަންދުކުރުމަށް ތާލިބާނުން އެގައުމުގެ ވިޔަފާރިވެރިންނަށް އަންގައި އެއްމަސްދުވަހުގެ މުހުލަތެއް ދީފިއެވެ.

އަފްގާނިސްތާނުގެ ވައިސް އެންޑް ވަރޗޫ މިނިސްޓްރީގެ ސްޕޯކްސް ޕާސަން، ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އަންހެނުންނަށް އަމާޒުކޮށް ހެއަރ އެންޑް ބިއުޓީ ސެލޫންގެ ޚިދުމަތްދޭ ތަންތަން ބަންދު ކުރުމަށް ދީފައިވާ މުހުލަތު ކުރިއަށް އޮތް އޮގަސްޓް މަހުގެ 2 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ.

2021 ވަނަ އަހަރު އަފްގާނިސްތާނުގެ ސަރުކާރާ ތާލިބާނުން ހަވާލުވިފަހުން އެގައުމުގައި އަންހެނުންނަށް އޮންނަ މިނިވަންކަން ވަރަށް ބޮޑަށް ވަނީ ހަނިކޮށްފައެވެ. މިގޮތުން ފުރާވަރުގެ އަންހެން ކުދިންނާއި އަންހެނުން ސްކޫލްތަކަށާއި ޔުނިވަރސިޓީތަކަށާއި ޖިމްތަކާއި ޕާކްތަކަށް ވަނުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން އަންހެނުން ހެދުން އަޅަން ޖެހޭނީ ހަމައެކަނި ލޯ ހާމަވާ ގޮތަށް ކަމަށާއި، 72 ކިލޯމީޓަރަށް ވުރެ ދުރަށް ދަތުރުކުރާނަމަ ގާތްތިމާގެ ފިރިހެނަކު ވެސް އެކުގައި ހުންނަން ޖެހޭނެ ކަމަށް ވެސް ތާލިބާނުން ވަނީ އެގައުމުގެ އަންހެނުންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.