ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފްކުރައްވައިފިއެވެ.

ދާދިފަހުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަރިހުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ވަނީ ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި އދގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، އަދި އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީސް) ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު، ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ނެޓްޒީރޯއަށް ވާސިލްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ނެޓްޒީރޯއަށް ވާސިލްވުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު، މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ވަނީ ސެކްރެޓަރީ ޖެނެރަލްއާއި ހިއްސާކުރައްވާފައެވެ.

ސެކްރެޓަރީ ޖެނެރަލް ވަނީ ފެނަކަ އާއި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފްކުރައްވައި، އެސްޑީޖީތައް ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ވަނީ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާވެސް ވޮޝިންޓަންގައި ބައްދަލުކުރައްވާފައެވެ.