ސާފް ޗެމްޕިއަޝިޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ގަލްފުގެ ކުވައިތު އަތުން މިރޭ 5-4 އިން މޮޅުވެ، ސައުތު އޭޝިޔަން ފުޓްބޯޅަ ކޮންފެޑެރޭޝަން (ސާފް) އިން ތަށި ބޭރުވިޔަނުދީ އިންޑިޔާއިން ހިފަހައްޓައިފިއެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑީއަމަށް ވަދެ ތިބި އިންޑިޔާގެ ސައްބީސް ހާހެއްހައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ކުވައިތުންނެވެ. މިލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޝަބައިބް އަލް ހަލްދީއެވެ.

އިންޑިޔާއިން ނަތީޖާ ހަމަހަމަ ކުރީ އިންޑިޔާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ހުރި ޗަންގްޓޭ، 38 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. ކެޕްޓަން ސުނިލް ޗެތުރީ ތަނަވަސްކޮށްދިން ފުރުސަތަކަށް އަރައި މަހޭޝް ސިންގ ނޯރަމް ކުވައިތުގެ ގޯލުގެ އަރިމައްޗަށް މަޑުމަޑުން ނަގައިދިން ހުރަސް ޗަންގްޓޭ ގޯލަށް ފޮނުވާލި ހަމަޖެހިލައިގެން ހުރެއެވެ.

ދެވަނަ ހާފުގައި ކުވައިތުން ގިނައިރު ބޯޅަހިފަހައްޓައިގެން ކުޅުނުއިރު އިންޑިޔާ ފެނުނީ ދިފާއަށް އިސްކަންދީގެން ކުޅުނު ތަނެވެ. ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ދެވަނަ ހާފުގައި ގިނަ ފައުލްތަކެއް ފެނިގެންދިޔައެވެ. ހާއްސަކޮށް އިންޑިޔާގެ ކުޅުންތެރިންގެ ފަރާތުން ނުރައްކާތެރި ފައުލްތަކެއް ފެނިގެންދިޔައެވެ. މީގެ ތެރެއިން އެއްފައުލަކީ ކުވައިތުގެ ކުޅުންތެރިޔަކަށް އިންޑިޔާގެ ޑިފެންޑަރު ސަންދޭޝް ޖިންގަން ކުރި ނުރައްކާތެރި ފައުލެވެ. ފުރަތަމަ ހާފުގައި ޖިންގަންއަށް ރީނދޫކާޑް ދައްކާފައި ވުމުން މިފައުލަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑް ދައްކާނެ ކަމަށް ބެލެވުނެވެ. އެކަމަކު މެޗަށް އިންސާފް ކުރަމުންދިޔަ ނޭޕާލްގެ ރެފްރީ ނިންމީ ކާޑް ނުދެއްކުމަށެވެ. މިއާއެކު ކުވައިތު ކުޅުންތެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ.

މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީއެއް ދިޔައީއެވެ.

ކުވައިތު އަތުން ނާކާމިޔާބުވީ ފުރަތަމަ ފޮނުވާލި ޕެނަލްޓީ އާއި ހަވަނައަށް ފޮނުވާލި ޕެނަލްޓީއެވެ. ކުވައިތުން ފުރަތަމަ ޕެނަލްޓީ ފޮނުވާލީ މުޅި މުބާރާތުގައިވެސް އެންމެ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ފޯވާޑް މުހައްމަދު އަބްދުﷲ ދަހަމްއެވެ. ދަހަމް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. ކުވައިތުގެ ހަވަނަ ޕެނަލްޓީ ފޮނުވާލީ ކެޕްޓަން ޚާލިދް އަލް އިބްރާހިމެވެ. މިޕެނަލްޓީ އިންޑިޔާ ކީޕަރު ދިފާއު ކުރީއެވެ.

އިންޑިޔާ އަތުން ބޭކާރުވީ ހަތަރުވަނައަށް ފޮނުވާލި ޕެނަލްޓީއެވެ. މިޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މުބާރާތުގައި ކުވައިތާއި ލުބްނާން ބައިވެރި ކުރީ މުބާރާތުގެ ފެންވަރު މަތި ކުރުމަށްޓަކައެވެ. އިންޑިޔާ ފައިނަލަށް ދަތުރު ކުރީ ސެމީފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލުބްނާން ބަލިކޮށްފައެވެ.

މިއީ އިންޑިޔާއިން ސާފް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި 9 ވަނަ ފަހަރެވެ. މިމުބާރާތުގެ ދެވަނައަށް އެންމެ ކާމިޔާބު ގައުމަކީ 2 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ދިވެހިރާއްޖެއެވެ.