މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

އެ ސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ 8:15 އިން މެންދުރު 14:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ.

އަދި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރާ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުގައި ޢާންމު ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރައްވާފައެވެ.

އަދި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅުއެޅުމަށްވެސް މެޓުންވަނީ އިލްތިމާސް ކުރައްވާފައެވެ.