2017 ވަނަ އަހަރުގެ ތެރޭގައި ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރި ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އަނަސް މަރާލީ ލިޓަސް ސާވިސް ސެންޓަރުގެ ބޭރުގައި ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ހުއްޓައި ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން އައި ބައެކެވެ. އެ ސައިކަލްތަކުގެ ފަހަތުގައި ތިބި މީހުން އަނަސްއާ ދިމާލަށް އަންނަން ފެށުމުން ފިލަންވެގެން އޭނާ ވަނީ ލިޓަސް ސާވިސް ސެންޓަރުގެ ތެރެއަށެވެ. ދެން އެމީހުން ވަނީ ތޫނު އެއްޗިހިން އޭނާއަށް ހަމަލާދީ މަރާލާފަ އެވެ.

ޖުވެނައިލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ ކުއްޖާގެ މައްޗަށް ދައުވާ ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު، ހާދިސާ ހިނގި ވަގުތު ހާދިސާ ހިނގިތަނުގައި އެ ކުއްޖާ ހުރިކަން އެނގެން ނެތް ކަމަށެވެ. އަދި ދިފާއީ ހެކީންގެ ހެކިބަހުން ހާދިސާ ހިނގި ވަގުތު އެ ކުއްޖާ ހުރީ ހުޅުމާލޭގައިކަން ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ހާދިސާ ހިނގިއިރު އެ ކުއްޖާގެ އުމުރަކީ 17 އެވެ. މިހާރުގެ އުމުރަކީ 20 އެވެ.

އެ މައްސަލައިގައި ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި، ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އެ މީހުންގެ މައްސަލަތައް އަދި ނުނިންމައެވެ.