ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު(މަންޑޭ) ހައްޔަރު ކުރުމަށް ކޯޓުން އަމުރެއް ނެރެދީފިއެވެ.

ކޯޓުން މި އަމުރު ނެރުނީ ރޭގެ ވަގުތެއްގައެވެ. މަންޑޭ ހައްޔަރު ކުރުމަށް އަމުރެއް ނެރުނުއިރު ކުރިން ހިފަހައްޓާފައިވާ މަންޑޭގެ ޕާސްޕޯޓު އިއްޔެ ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އިއްޔެ ޕާސްޕޯޓު ދޫށްލުމާ ގުޅިގެން، ފުލުހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށްވެސް ބުނެފައެވެ.

ކުންފުނީގެ މައި ހިއްސާދާރަށް ނޭނގި މަކަރާ ހީލަތުން ކޭ-ޕާކު ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަމްބޯ ކުންފުނީގެ ދެން ހުންނަ ހިއްސާދާރު ޝިއުން ޖިންއާ އެވެ. ހަމަ މިިމައްސަަލައިގައި، ކޭ-ޕާކް ރެސިޑެންސް ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން ހުށަހަޅަފައިވާ މައްސަލައާއި ގުޅިގެން، މިމައްސަލައިގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް އާބަންކޯއިން އިއްޔެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުއެވެ.

ކޭ ޕާކުގެ މައްސަލައަކީ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.