ޕީއެސްޖީގެ ކޯޗުގެ މަގާމުން ކްރިސްޓޮފާ ގަލްޓިއާ ވަކި ކުރަން ނިންމާފައިވާކަމަށް އެކްލަބުން މިއަދު ހާމަކޮށްފިއެވެ.
ގަލްޓިއާ، ކޯޗުކަމުގެ މަގާމުން ވަކި ކުރަން ނިންމާފައިވާކަން ޕީއެސްޖީއިން ހާމަ ކޮށްފައި މިވަނީ އޭނާގެ ބަދަލުގައި ސްޕެއިން ގައުމީ ޓީމާއި ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ އެމަގާމަށް ގެނައުމުގެ އަޑުތައް ގަދަވެފައިވާ ދުވަސްކޮޅެއްގައެވެ.
ޕީއެސްޖީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ 2023-2022 ސީޒަން ނިމުމާއެކު ގަލްޓީއާއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ކުރިންވެސް ދެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
"ޕީއެސްޖީއަށް ގަލްޓިއާ ހޯދައިދިން ކާމިޔާބީތަކަށް ޝުކުރު އަދާކުރަން. ހާއްސަކޮށް 11 ވަނަ ފްރެންޗް ލީގަށް. ގަލްޓިއާ މިކްލަބުގައި ހޭދަކުރި ދުވަސްތަކުގައި އޭނާގެ ފަރާތުން ފެނުނު ޕޮރޮފެޝަނަލިޒަމްއަށް އޭނާއަށް ތައުރީފް ހައްގު. މިކްލަބުން އެދެނީ ގަލްޓިއާއަށް އިތުރު ކާމިޔާބީއަށް" ޕީއެސްޖީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.