މިއީ ވިއްސާރަމޫސުމެކެވެ. ބޯކޮށް ވެހޭ ވާރެއަށްވުރެ ބޮޑުކަމަކީ ގަދަޔަށް ޖެހޭ ވަޔެވެ. ވަޔާއެކު ގޭގޭގެ ފުރާޅުތައް އުދުހޭ ވާހަކައާއި ރުއްގަސްތަކުން ވެއްޓޭ ތަކެތިން އަނިޔާ ވާ ވާހަކައަކީ ޒަމާނުއްސުރެ އިވޭ ވާހަކައެކެވެ. ކުޑައިރުގެ ހަނދާނެއް ކޮށްލާނަމެވެ. ވިއްސާރަ ވާން އުޅޭކަމުގެ އަލާމާތާއެކު ރަށުތެރޭގައި ހޭލަމޭލަ ވެގަންނާނީ އެކި ފުރައިގެ ދެޖިންސުގެ މީހުންނެވެ. ޔޯތްގޮވާނެއެވެ. ގޭގޭގެ ގިފިލިތަކުގައި މީހުން އުޅޭތޯ ބެލުމަށްފަހު ރުއްގަސްތައް ސާފުކޮށް ފުރާޅުތަކަށް އަރައި ފުރާޅުތައް ދޮވެ ދިޔަދޮވިތައް ސާފުކުރާނެއެވެ. ފީވެފައި ހުންނަ ފަންތަކާއި ގޮފިތައް ކަނޑައި ރުއްތައް ސާފުކޮށް ގަސްތައް ކޮށައި ކުނި ނަގާނެއެވެ. މިކަމުގައި ވަކިމީހެއްގެ ދަރިއެއް އަޚެއް އުޚުތެއް ނޯވެއެވެ. އެންމެންވެސް ހަމަހަމަކޮށް އުޅޭނެއެވެ. އޭރަށް މޫސުން ބަދަލުވެ ވާރޭވެހި، ގަދަވަޔަށް އެއްވެސް ހާސްކަމެއް ނޯވެއެވެ.

މިއަދު އިރުއޮއްސެން ދަނިކޮށް ދިމާވިކަމެކެވެ. ހުޅުމާލޭ ފެރީޓާމިނަލްގެ ފުރަގަހުން އޮންނަ ފިތުރޯނުމަގުގައި ހުރި ބޮޑު ގަހެއްގެ ގޮފިގަނޑު ގަދަވަޔާއެކު ބިންދައިގެން ގޮސް ވެއްޓުމުގެ ސަބަބުން އެމަގު ވަނީ ބަންދުކޮށްފައެވެ. އެވަގުތު އެދިމާއަށް ކުރިމަތީ އޮތް ހަނިމަގުން ދަތުރުކުރި ކާރެއްގައި ދުއްވަން އިން ޑްރައިވަރު ސީޓާ ޖެހިގެން އިން ސީޓުގައި އިރު ރީއްޗަށް މަންޒަރު ފެނުނެވެ. އެމަގުން ނުދެވުނީތީ ޝުކުރުކޮށް ހަމްދުކޮށް މޭގައި އަތްއެޅުނެވެ. ހިތަށް އެތައް ބައިވަރެއްވެސް އެރިމެއެވެ.

މިއީ އަބަދުވެސް ވިިއްސާރަވެ، ވައިގަދަވުމުން ދިމާވާ މައްސަލައެކެވެ. ގަސްގިނަ ހިސާބުތަކުގައި ވައިޖެހުމުން އޭގެ ހިތްފަސޭހަކަން އޮންނަވަރަށް ރައްކާތެރި ފިޔަވަޅު ނޭޅިއްޖެނަމަ އޭގެ ގެއްލުންވެސް ކުޑައެއްނޫނެވެ.

މިމަގަކީ ހުޅުމާލޭގެ އެންމެ މައި އެއްމަގުކަމުން މިގޮތަށް ދިމާވެ މަގުބަންދުކޮށްފައި އޮންނަން ޖެހުމުން މަގުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ދަތިވާނެކަން ގައިމެވެ. މި ގޮފިގަނޑު ކަނޑައިގެން ވެއްޓުނު ވަގުތު އެތަނުން އެއްވެސް މީހަކު ހުރަސްކޮށްފައި ނުވި ނަމަވެސް މިއީ ވިސްނާލަން ޖެހޭފަދަ ކަމެކެވެ. ސަބަބަކީ މިފަދަ މައިމަގެއްގެ މަތިން މިފަދަ ހާދިސާއެއް ހިނގާނީ ބުނުމަކާނުލައި އެނގުމަކާނުލައި ކަމަށްވެފައި މިއީ ނުރައްކާތެެރިކަމެއްކަމަށް ވުމެވެ.

ގަސްތައް ހުރުމަކީ ތިމާވެށްޓާއި ސިއްހަތާއި މިހެންގޮސް ހުރިހާ ކަމަކަށްވެސް އޮތް ނުހަނު ބޮޑު ސަލާމަތަކާއި ހާއްސަ ނަސީބެއްކަން ޔަގީނެވެ. އެހެނެއްކަމަކު ގަސްތައް ކޮށައި ބެލެހެއްޓުމަކީވެސް އޮންނަން ޖެހޭ ކުރަން ޖެހޭ ކަމެކެވެ. މިފަދަ ހާދިސާއެއް ދިމާވާ ކޮންމެ ފަހަރަކު އެެއްވެސް ވިސްނުމެއް ނެތި ގަސް ބިމާ ހަމަކޮށް ކަނޑާލުމަކީ އޭގޭ ހައްލެއް ނޫނެވެ. އަދިކަމުގެ އެންމެ މޮޅު، ބުއްދިވެރި ގޮތެއްވެސް ނޫނެވެ.

މާލޭގެ މަގުތަކުގައި ގަސްތައް މަދުވުމުގެ އެއް ސަބަބަކީ މިގޮތަށް ވައިޖެހޭ މޫސުމްތަކުގައި ގަސްގަހުން ގޮފި އޮފި ކަނޑައި ވެއްޓުން ކަމަށްވާއިރު އެގޮތަށް ކަނޑާ ބިމާ ހަމަނުކޮށް އެގަސް ބަހައްޓައިގެން ވެސް މިކަމަށް ހައްލު ހޯދޭނެއެވެ.

ހުޅުމާލޭގެ ފިތުރޯނުމަގަކީ ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ނުހަނު ބޮޑު މަގެކެވެ. އެމަގަކުން ދަތުރުކޮށްލުމުން ހިތަށް ލިބޭ ފިނިކަމާއި ހަމަޖެހުން ބިރަަކަށް ވާން އެއްވެސް މީހަކު ނޭދޭނެއެވެ. އަދި މިހިތްފަސޭހަކަން ނަގާލަންވެސް ނޭދޭނެކަން ގައިމެވެ. އެހެންކަމުން މިފަދަ ކަންތައްތަކަށް އޮންނަ އެންމެ ރަނގަޅު، ހުރިހާ ކޮޅަކަށްވެސް ފައިދާ އޮތް ގޮތަކަށް ހައްލު ހޯދުމަކީ އެންމެ ބުއްދިވެރި އަދި މޮޅު ގޮތެވެ.

ރުއްގަސްތައް ސާފުކޮށް ބަލަހައްޓާ ކަމަށް ވަންޏާ ވައިގަދަ ވެގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ރުކެއްގެ ދަށުން ހުރަސްކޮށްލާއިރު ބޮލުގައި އަތްއަޅައި ސަހަރޯ ހީވަމުން ދާކަަށް ނުޖެހޭނެއެވެ. ގަސްގިނަ ހިސާބަކުން ދާއިރު އަވަސްއަވަހަށް ސަލާމަތްވެވޭތޯ ވިސްނާކަށްވެސް ނުޖެހޭނެއެވެ. ރުއްގަސްތައް ސާފުކޮށް ބެލެހެއްޓެންޏާ، ކިތަންމެ ބޯ ވިއްސާރައެއްގައި ކިތަންމެ ގަދަ ވަޔެއްގައިވެސް އޮތީ ހަމަ ހިތްހަމަޖެހުމާއި ރައްކާތެރިކަމުގައި އުފާވެރިކަމާއި ފިނިހިޔާކަން ޔަގީން އެހެންނޫންތޯއެވެ.

މިފަދަ ކޮންމެ ކަމަކީ ފަރުދީ ޒިންމާއެވެ. އަނެކާ ކުރާތޯ ކޮށްފާނެތޯ ޒިންމާދާރަކީ ކާކުތޯ ބެލުމުގެ މާނައެއްވެސް ނެތެވެ. ރުއްގަހުގެ ހިޔަލުން ފިނިކަން ލިބެނީ އެންމެނަށް ހަމަހަމައަށެވެ. އޭގައި ވަކި މަގާމަކަށް ވަކި ދާއިރާއަކަށް ވަކި ޒިންމާއަކަށް އެއްވެސް ތަފާތުކަމެއް ނެތެވެ. އެހެންކަމުން ފަރުދީ ޒިންމާއެއްކަމު ހަދައިގެން މިފަދަ ކޮންމެ ކަމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ހައްލުކުރުމަކީ ރިވެތި، ނަލަ އަދި ބުއްދިވެރި މޮޅު ގޮތެވެ.