ގަވާއިދާ ހިލާފަށް އަމީނީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ކުރި ޓުވީޓެއްގައި ފުލުހުން ބުނީ ގަވާއިދާ ހިލާފަށް އަމީނީމަގުގައި އުޅަނދުތައް ޕާކުކުރުމުން އެ މަގުގެ ޓްރެފިކް ތޮއްޖެހޭކަމަށާއި އަދި އޭގެ ސަބަބުން ހިނގާބިނގާ ވާ މީހުންނަށާއި ދުއްވާ އުޅަނދު ފަހަރަށް ދަތިވާ ކަމަށެވެ.
އަމީނީމަގުގެ ނިމިގައި އޮތް ހިސާބުގައި މިހާރު ދެފަރާތުގައިވެސް ހަތުރު ފުރޮޅުލީ އުޅަނދު ޕާކުކޮށްފައި ހުންނަ މަންޒަރު ފެނެއެވެ. މި ގޮތަށް މަގުގެ ދެފަރާތުގައި މި އުޅަނދުތައް ޕާކު ކޮށްފައި ހުރުމުން މަގުގެ ބޭނުންކުރެވޭ ސަރަހައްދު ހަނިވުމާއެކު ޓްރެފިކް ތޮއްޖެހުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ.
އާންމުންވެސް ވަނީ މިހާރަކަށް އައިސް އަމީނީމަގުގައި ޓްރެފިކް ޖޭމްވެ މަގު ތޮއްޖެހި ބާރުބޮޑުވުމުގެ ޝަކުވާ ސޯޝަލްމީޑިޔާގައި އެކިގޮތްގޮތަށް ދައްކަމުންނެވެ. މިއީ އާންމުން މަގުހިނގާބިނގާވާ މީހުންނާއި ދުއްވާތަކެތީގައި އުޅޭމީހުންގެ ވެސް ކަންބޮޑުވުމެކެވެ. މަގު ތޮއްޖެހި ގިނައިރު ވެ ދާންޖެހޭ ތަނަށް ގަޑިޖެހުމާއެކު މިގޮތަށް ޓްރެފިކް ޖޭމްވެ ބާރުބޮޑުވުމަކީ، އެކްސިޑެންޓުތައްވެސް ގިނަވާނެކަމެކެވެ.
މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ފުލުހުން ދަނީ މިހާރު ވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރަމުންނެވެ.