ޗެލްސީން ބޭނުން ނުވެގެން ދޫކޮށްލަން މަސައްކަތް ކުރި ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް، 5 އަހަރުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑަށް މިއަދު ސޮއި ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކްލަބަށް ޗެލްސީއިން މައުންޓް ވިއްކާލީ 55 މިލިޔަން ޕައުންޑަށެވެ. އަދި ޔުނައިޓެޑުގައި އޭނާ ހޯދާ ކާމިޔާބީތަކާއި ގުޅިގެން އިތުރު 5 މިލިޔަން ޑޮލަރު ޗެލްސީއަށް މިއެއްބަސްވުމުގެ ދަށުން ލިބިދެއެވެ.

ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން 2021 ވަނަ އަހަރު ޗެލްސީގައި ވިދާލި މައުންޓަށް ނިމިދިޔަ ސީޒަނުގައި ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ.

2022 ވަނަ އަހަރު ބެލޮންޑިއޯ ރޭންކިންގެ 19 ވަނަ ހޯދި މައުންޓް،24، މެންޗެސްޓަރ ޔުނައިޓެޑުގައި ބޭނުން ކުރާނީ އެކްލަބުގެ ޝަރަފްވެރި 7 ނަންބަރު ޖާޒީއެވެ. މަޝްހޫރު ޖޯޖް ބެސްޓާއި ޑޭވިޑް ބެކަމް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑުގައި ބޭނުން ކުރީ 7 ނަންބަރު ޖާޒީއެވެ.

ޔުނައިޓެޑަށް ސޮއި ކުރުމަށްފަހު މައުންޓް ބުނީ ޗެލްސީގެ ސަޕޯޓަރުން މަތިން އަބަދުވެސް ހަނދާންވާނެ ކަމަށާއި ކްލަބް ދޫކޮށްލަން މަސައްކަތް ކުރީ އޭނާ އަމިއްލައަށް ކަމަށެވެ.

"މިދިޔަ 18 އަހަރު، ޗެލްސީގެ ސަޕޯޓަރުން ދިން ހިތްވަރު ހަނދާނެއް ނުނެތޭނެ. މިިއީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް. ގަބޫލް ކުރަން އަހަރެންގެ މިނިންމުމާއި ބައެއް ސަޕޯޓަރުން ދެކޮޅުވާނެކަން. އެކަމަކު މިއީ އަހަރެންގެ ކެރިޔަރަށް ނިންމި މުހިއްމު ނިންމުމެއް" ޗެލްސީއަށް 196 ކުޅެދީ 35 ލަނޑު ކާމިޔާބު ކޮށްދީފައިވާ މިޑްފީލްޑަރު މައުންޓް ބުންޏެވެ.