އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްއިން މަސްތުވާތަކެތި ފެނުމާއި ގުޅިގެން ސީކްރެޓް ސަރވިސްއިން ވަރުގަދަ ތަހްގީގެއް ފަށައިފިއެވެ.

ވައިޓްހައުސްއިން ފެނިފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެކޮއިންނެވެ. ކެކޮއިން ފެނުނީ ވައިޓްހައުސްގެ ވެސްޓް ވިންގުންނެވެ. ރައީސް ޖޯ ބައިޑަންގެ އޮފީސް ކޮޅު، އޯވަލް އޮފީސް ހުންނަވަނީވެސް ވެސްޓް ވިންގުގައެވެ. މީގެ އިތުރުން ނައިބް ރާއިސް މަސައްކަތް ކުރައްވާ އޮފީސް ކޮޅުވެސް ހުންނަވަނީ ވެސްޓް ވިންގުގައެވެ.

ވައިޓް ހައުސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސަރވިސްގެ ތަރުޖަމާން އެންތޮނީ ގުޖްލިއެލްމީ ވިދާޅުވީ މަސްތުވާތަކެތި ފެނުނީ ވައިޓްހައުސްއަށް ޒިޔާރަތް ކުރާ މީޙުންނާއި ވައިޓްހައުސްގައި މަސައްކަތް ކުރާ މުވައްޒަފުން ފޯނުތައް ބަހައްޓާ ސްޓޯރޭޖެއް ތެރެއިން ކަމަށެވެ.

ވައިޓްހައުސްއިން މަސްތުވާތަކެތި ފެނި، މަސްތުވާތަކެތި ފެނުނު ސަރަހައްދު ސީކްރެޓް ސަރވިސްއިން ބަންދުކުރިއުރު، ރައީސް ބައިޑަން އުޅުއްވީ އާއިލާއެކު ކޭމްޕް ޑޭވިޑުގައެވެ.