މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އާއި ގުޅޭގޮތުން އެކި ފަހަރުމަތިން އިލެކްޝަންސް ކޮމިޝަނުން ސައްޙަ ނޫން މަޢުލޫމާތު ރައްޔިތުންނަށް ދެމުން ގެންދިޔުމަކީ އެ ޕާޓީއިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އެޕާޓީން ބުނެފިއެވެ.
އެމްއާރްއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްއާރްއެމް އާ ގުޅޭ ގޮތުން އެކި ފަހަރުމަތިން އީސީއިން ސައްހަނޫން މައުލޫމާތު ރައްޔިތުންނަށް ދިނުމަކީ އެޕާޓީގެ ކަންބޮޑުވުމެއްކަމަށާއި އަދި އެފަދައިން ކަންތައް ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާވެސް ޚިލާފަށް ކަމަށް ވާތީ އެކަން އެޕާޓީއިން ކުށްވެރި ކުރާ ކަމަށެވެ.
އެމް.އާރް.އެމްގެ މެންބަރުންގެ އަދަދާ ގުޅޭގޮތުން އިސީ އިން ހާމަކުރަމުން ދަނީ ރަނގަޅު މައުލޫމާތުތަކެއް ނޫން ކަމުގައި އެ ޕާޓީ މެންބަރުންނާއި ދިވެހި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ހާމަކުރާކަމަށް ބަޔާނުގައިވެއެވެ. ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަމަށްބުނެ 4 ޖުލައި 2023 ގައި އެ ކޮމިޝަނުން ޢާއްމު ކުރި މަޢުލޫމާތު ޢާއްމުކުރިއިރު އެ ޕާޓީގެ މެންބަރުންގެ ޢަދަދުން ގިނަ ޢަދަދެއްގެ މެންބަރުން އުނިކޮށް ދަފްތަރުގައިވާ ޢަދަދު ކަމަށް ބުނެ އިޢުލާން ކޮށްފައި ވަނީ އެ ޕާޓީގެ މެންބަރުންގެ ޖުމްލަ ޢަދަދު އޮޅުވާލައި އަދި އެ ޕާޓީއިން މި އަހަރުގެ މެއި މަހުގައި ހުށަހެޅި 140 ފޯމް ޕްރޮސެސްވެސް ކުރުމަކާ ނުލައިކަން ފާހަގަކޮށް އީސީގެ މި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމް.އާރު.އެމް އިން ހުށަހަޅާ މެމްބަރޝިޕް ފޯމުތައް ޕްރޮސެސްނުކޮށް ދެ މަހެއްހާ ދުވަސް ހޭދަކޮށްފައިވާއިރު، އެ މުއްދަތުގައި ޕާޓީއިން ވަކިވުމަށް އެދޭކަމަށް ބުނާ މެމްބަރުން އުނިކޮށް ޕާޓީގެ ދަފްތަރުން އުނިކުރުން ހަލުވިކަމާއެކު އިލެކްޝަންސް ކޮމިޝަނުންކުރިއަށް ގެންދާ ގެންދިޔުމުންވެސް އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަނީ ވަކި އެޖެންޑާއެއް އޮވެގެންކަމަށް އެމްއާރްއެމް އިން ދެކޭ ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ. އަދި އެމް.އާރު.އެމް އިން ވަކިވުމަށް އެދިގެން ޕާޓީއިން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެންބަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ މެންބަރުން އެފަދައިން ޕާޓީން ވަކިވުމަށް ހުށަނާޅާކަމަށް އީސީއަށް ސިޓީ ފޮނުވާފައިވާއިރުވެސް އެފަރާތްތައް ދަފްތަރަށް އަލުން ހިމެނުމެއް ނެތި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަނީ ސިޔާސީ ވަކި މަޤްސަދެއް ހާސިލްކުރުމަށްކަމުގައި އެމް.އާރު.އެމް އިން ދެކޭކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި ސިޔާސީ ޕާޓީތަކަށް މެންބަރުން ހޯދުމުގައި އެއްވެސް ނުފޫޒެއް އަދި މަންފާއެއް ލިބޭގޮތަށް މެންބަރުން ޕާޓީތަކާއި ގުޅުމަކީ އެ ޕާޓީއިން ޤަބޫލުކުރާކަމެއް ނޫންކަމަށާއި، އަދި މިގޮތަކަށް މެންބަރުން އިތުރުކުރުމަށް އެ ޕާޓީއިން ކުރިންވެސް ޢަމަލުކޮށްފައިނުވާއިރު، ދެންވެސް އެފަދަ ގޮތަކަށް އަމަލު ނުކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަަށް ވަނީ ބުނެފައެވެ.
ހަމަ އެހެންމެ، ސިޔާސީ ޕާޓީތަކުން އާންމު ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާގޮތަށް އަމަލު ކުރެވެނީ، އެ ޕާޓީތަކުން ފޯމު ހޯދުމުގެ ބޭނުމުގައި ފައިސާ އާއި ނުފޫޒު ބޭނުން ކުރާތީ ކަމަށްވެސް އެޕާޓީން ގަބޫލުކުރާ ކަމަށް އެޕާޓީއިން ނެރުނު ބަޔާނުގައިވެއވެެ.
އެމްއާރްއެމްގެ މެންބަރުން ހަމަނުވެގެން ކަމަށްބުނެ ކުއްލިގޮތަކަށް ޕާޓީ އުވާލަން ނިންމާ 24 މެއި 2023 ގައި އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ޕާޓީއިން ކޯޓަށް މައްސަލަ ހުށަހަޅައި މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު، އަދި ޕާޓީ އުވާލުމަށް ނިންމި ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއްވެސް ވަނީ ނެރުއްވާފައެވެ. އަދި އެ އަމުރު މުރާޖަޢާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅުމުން އެ އަމުރަށް ބަދަލުގެންނާނެ ތަނެއްނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާއިރުވެސް، އެމް.އާރު.އެމް އިން ދަފްތަރަށް މެންބަރުން އިތުރުކުރުމަށް ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސް ނުކޮށް ހިފަހައްޓައި ޢަމަލުކުރަމުންދިޔުމަކީ ކޯޓުގެ އަމުރާވެސް ޚިލާފުވުންކަމުގައި އެޕާޓީއިން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ކަންކަމުން އެނގި ހާމަވަނީ އިލެކްޝަންސް ކޮމިޝަނުގެ ނާޤާބިލުކަމާއި، ސިޔާސީ ޕާޓީތަކާއިމެދު ގެންގުޅޭ ތަފާތުކުރުން އަދި މިނިވަން މުއައްސާސާއަކަށް ވީހިނދު މިނިވަން ކަމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ މަސައްކަތް ނުކުރެވުންކަން އެއީ ގިނަ ރައްޔިތުން ގަބޫލު ކުރާނެ ހަގީގަތެއްކަމަށާއި އަދި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކެނޑިނޭޅި މަސައްކަތްކުރަމުންދާތީ، އީސީގެ އިންސާފުވެރިކަމާ މިނިވަންކަމާމެދު ސުވާލު އުފެދޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މިފަދަ ޤާނޫނާއި ޤަވާއިދާ ޚިލާފު އެންމެހާ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލައި ޤާނޫނުގެ އިމުގެތެރެއަށް ރުޖޫޢަވުމަށް މި ޕާޓީއިން ތަކުރާރުކޮށް އެ ކޮމިޝަނަށް އެމްއާރްއެމްއިން މިބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތަށް ތަފާތުކުރުމެއް ނެތި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސާއެއްގެ ގޮތުގައި އަމަލުތައް ބައްޓަންކުރުމަށްވެސް އެމްއާރްއެމްގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. ހަމަ އެހެންމެ، އިލެކްޝަން ކޮމިޝަންގެ ކަންކަން އިސްލާހުކުރުމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤަށް ގޮވާލާކަމަށްވެސް ބަޔާނުގައި ނިންމާލަމުން ވަނީ ބުނެފައެވެ.