ރޭގެ ވަގުތެއްގައި އައިޖީއެމްއެޗުގެ އިމަރޖެންސީގައި ފަރުވާ ދޭން ފަށާފައިވާ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ފުރާނައަށް ނުރައްކާވާ ބައްޔަކަށް ކަމަށް އެޕާޓީއިން މައުލޫމާތު ދީފިއެވެ.

އަދީބުގެ ބަލިހާލަތު ހުރި ގޮތުން، ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް، ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެ، ފަރުވާ އަށް އައިޖީއެމްއެޗްގެ އީއާރްއަށް ވަނީ ގެނެސްފައެވެ. މިކަމާ ގުޅިގެން މިއަދު އެމްޓީޑީން ކުރި ޓުވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި އަދީބު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ނާރުތަކާ ގުޅޭ ސީރިއަސް އަދި ފުރާނައަށް ނުރައްކާވާ ބައްޔަކަށެވެ.

"އެ ބަލި ދެނެގަނެވުނީ 2015 އިން 2018 ވަނަ އަހަރަށް، ތިން އަަހަރު ވަންދެން 24 ގަޑިއިރަށް އަދީބު ޖަލު ގޮޅީގައި ބަންދުގައި އޮންނެވުމުން. އެގޮތަށް ބަންދުގައި ބެހެއްޓުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނާވެސް ހިލާފުކަމެއް،"
އެމްޓީޑީ

މިހާރުވެސް މައިބަދައަށާއި ލޮލަށްވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު، ވަނީ މީގެ ކުރިންވެސް އައިޖީއެމްއެޗުގައި އެނދުމަތިކޮށް ފަރުވާދީފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، ވިހި އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ސިއްހީ ހާލަތު ވަރަށްވެސް ގޯސްވެ، އިންޑިޔާއަށް ވަޑައިގެން ފަރުވާ ހޯއްދެވިފަހުން، އަދީބުގެ ޖަލުހުކުމް ވަނީ ގެއަށް ބަދަލުކޮށްފައެވެ.