މުއާވިޔަތު ހުންނެވީ އޭނާގެ ރީތި އަނބިކަމަނާގެ އޮރެންޖު ކުލައިގެ އިސްތަށިފުޅު ގައްޔާއި އެކަމަނާގެ ރީތި ފިޔަގަނޑުފުޅުގައި ފިނިފެންމަލުގެ ހުވަނދު އަތަރުގެ ތެޔޮ ލައްވަންށެވެ. މިގޮތަށް އެދެމަފިރި ކަނބަލުން އެކުގައި ވަގުތު ކޮޅެއް ހޭދަފުޅު ކުރައްވަން ތިއްބަވަނިކޮށް ކުއްލި ގޮތަކަށް ޝަބީބާ ކަމަނާ ގެ ހަށިކޮޅުގެ ތެރެއިން އަލިގަނޑެއް ފާޅުވެ ހިސާބަކަށް ގަދަ ނޫ ކުލައިން ކަނި ބުރަން ފައްޓައިފިއެވެ. އަދި އެކަމަނާގެ ރީތި ދިގު އޮރެންޖުކުލައިގެ އިސްތަށިފުޅުން އެކިކުލަ އަރަން ފެއްޓެވިއެވެ. މިއީ އެހެން ނޫނިއްޔާއި އަދި ދުވަހަކު ވެސް އެކަމަނާ އަށް މެދުވެރި ކަމެއްނޫނެވެ.

ހަމައެކަނި އެކަމަނާ ގަނޑުވަރުން ބޭރުގައި މީގެ ކުރީގައި އުދުހިވަޑައި ގަންނަވާއިރު ނޫނީ މިހެން އަލިގަނޑު މުޅިހަށިކޮޅުން ނާއި އިސްތަށިފުޅުން ފެތުރިގެން ފާޅުވާން ނުހުންނަ ވާނެއެވެ. މި ވަމުންދަނީ ކިހިނެއްކަމެއް އެއްގޮތަކަށް ވެސް އެކަމަނާ އަކަށް އިނގިވަޑައެއް ނުގަންނަވައެވެ. މުއާވިޔަތު ވަރަށް ހާސްވފުޅުވެ ވަޑައިގަތެވެ. ޝަބީބާ ކަމަނާ ގެ ހަށިކޮޅުގައި ބައްދާލެވިއްޖެއެވެ. އެކަމަނާ އެހެރަ އަލިގަދަވެ ލައްވަނީ ވަރަށް ބޮޑަށެވެ. އެކަމަނާ އެހުންނެވީ އެހުރިތަނެއް ގައި ގުޑާވެސް ނުލެއްވިފައެވެ. މުއާވިޔަތު މިހާރު ފިކުރުފުޅު ބޮޑުވާން ފަށައިފިއެވެ. މުއާވިޔަތު ހާސްކަން މަތީގައި ހުންނަވައި ދެލޯފުޅު ބޮޑުކުރައްވައި ޝަބީބާ ކަމަނާ އަށް ވިދާޅުވެއްޖެއެވެ.

"ލޯބިވާ ކަމަނާ! ކަމަނާއަށް ތިޔަވަނީ ކިހިނެއް....؟"

އެކަމަނާ ޖަވާބުގައި ވިދާޅުވިއެވެ. " މުއާ! އަހަރެންނަށް ވަރަށް ބޮޑު ކަމެއް އެބަވޭ.... ވަރަށް ބޮޑު ބަދަލުތަކެއް އެބަ އާދޭ....!"

ޚުދް ޝަބީބާ ކަމަނާ އަށްވެސް އެކަމަނާ އަށް އެއަންނަ ބަދަލުފުޅެއް ބުނެދެއްވައި ކަށް ނޭނގެއެވެ. ޝަބީބާ ކަމަނާ ގެ އޮމާން ރީތި ހަންކޮޅު ގައިވެސް ނޫ ކުލަޖެހި އެތެރެ ހަށިކޮޅު ބިއްލޫރިފަދައިން ތުނިވެ ވަޑައިގެން ނަވާން ފެށިއެވެ. އެކަމަނާ އެހެން ހުންނަވައި ތާ އެތައް އިރެއްވެއްޖެއެވެ. އެކަމަނާގެ ބައްޕާފުޅު މިތަނަށް ވަޑައިގެންފިއްޔާ އެހެރަ ކެލާގަހުގައި ހުރި ޖާދޫގެ ގޮފިގަނޑުގެ ބާރުގައި އެކަމަނާއަށް މިވާގޮތް ބަދަލުފުޅު ކުރެއްވި ދާނެއެވެ. އެހެންނަމަ ވެސް މިވަގުތު ރަސްގެފާނު ވަޑައިގެންނެވީ ގަނޑުވަރުން ބޭރުގައި ބޮޑު ބައްދަލުމެއް ގައެވެ. ޝަބީބާ ކަމަނާ އަށް އުދުހިވަޑައިގެން މައްޗަށް އަރައިގެން މެނުވީ އެ ކެލާ ގަހުގައިވާ ގޮފިގަނޑުގައި އަތްޕުޅެއް ނުބީއްސެވޭނެއެވެ. އެކަމަނާ އެހުރިތަނެއްގައި އެހުންނަވަނީ ގުޑާނުލެއްވިފައެވެ. ޝަބީބާ ކަމަނާ ވިދާޅުވިއެވެ.

"ކޮންމެވެސް ފަރާތަކުން ނުވަތަ މީހަކު އަހަރެންނަށް ވަރުގަދަ ހަރުކަށި އިންޒާރެއް އެބަ ދޭ.. ނުވަތަ އަހަރެންނަށް ކޮންމެ ވެސް ގޮތަކުން އެބަ އަނިޔާއެއް ކުރޭ. އެކަމަކު ުއެއީ ކާކު ކީއްވެގެން ކުރާކަމެއް ބާ!"

އެކަމަނާ އަމިއްލަ ނަފްސަށްއެކި ސުވާލު ފުޅުތައް ކުރެއްވެން ފެއްޓެވިއެވެ. މުއާވިޔަތުގެ ހިތްޕުޅަށް އަރައި ވަޑައިގަތެވެ. ޝަބީބާ ކަމަނާ އަކީ އިންސިއަކަށް ވީނަމަ ކިހައި ރަނގަޅުހޭ! މުއާވިޔަތަކީ ޝަބީބާ ކަމަނާ ގެ ފިރިކަލުން ކަމުގައި ވިޔަސް މުއާވިޔަތަކަށް އެ ޕަރީ ފެންގަނޑާ ބެހޭ އެއްވެސް ހަގީގަތެއް އެނގިނުލައްވައެވެ. އަދި މުއާވިޔަތު ވަނީ ޝަބީބާ ކަމަނާ އާ ކައިވެނިފުޅު ބެއްލެވި ދުވަހު ރަން ކުލައިގެ އުޅައްގަނޑެއް ނެތް ތައްޓެއްގައި ރަސްގެފާނު އަމުރުފުޅު ކުރައްވައިގެން ރަތްކުލައިގެ ފެންފޮދެއް ހިއްޕަވައިފައެވެ. ތަށީގެ ތެރޭގައި ރަން އަނގޮޓިފުޅެއް އޮތެވެ. އެއަނގޮޓި ފުޅުގައި ވަރަށް ރީތި ބޮޑު ރަތްކުލައިގެ ޖަވާހިރެއް ޖަހާފައި އޮތެވެ. އެ ފެން ފޮދު ހިއްޕެވެމަކުން އެ މުއާވިޔަތު އަވަހާރަފުޅެއް ވެވަޑައެއް ނުގަންނަވައެވެ. އެއިކީ ޒަހަރެއް ވެސް ނޫނެވެ. ހަގީގަތުގައި އެއީ ޕަރީފެންގަނޑުން ގެންނެވިފައިވާ ފެނެވެ. މިކަން މުއާވިޔަތަކަށް އެނގިވަޑައެއް ނުލައްވައެވެ.

މުއާވިޔަތު މިހާރު އެހުންނެވީ ވަރަށް ބޮޑަށް ހާސްފުޅުވެ ވަޑައިގެންފައެވެ. މުއާވިޔަތަކަށް ދުވަހަކު ވެސް އެމަނިކުފާނުގެ އަނބިކަނބަލުން އެ ޕަރީފެންގަނޑުގެ އެއްވެސް ހަގީގަަަތެއް މިހައިތަނަކަށް ވިދާޅުވެ ލައްވައިފައެއް ނުވޭއެވެ. އެކަމަކު ކޮންމެ ވެސް އެއްދުވަހަކުން މިހުރިހާ ވާހަކަފުޅެއް އެކަމަނާ މުއާވިޔަތަށް ވިދާޅުވާން ހައްޤުވެ ލައްވާނެކަން ޝަބީބާ ކަމަނާ އަށް އެނގިލައްވައެވެ. މުއާވިޔަތު މިހާރު އެހުންނެވީ އެމަނިކުފާނުގެ ހިތްޕުޅަށް ކެކުޅުންތައް އިންތިހާއަށް ލިބިވަޑައިގެންފައެވެ.

މުއާވިޔަތު އެއުންމީދުފުޅު ކުރައްވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ވިދާޅު ވެލައްވާނެ ވާހަކަ ފުޅަކުން އެކަމަނާއަށް ޖެހިވަޑައިގެން ފައިވާ މުސީބާތަކުން މިންޖު ފުޅުކޮށްދީ ސަލާމަތްފުޅު ކޮށްދެއްވޭނެ ކަމުގައެވެ. މިހާރު ޝަބީބާ ކަމަނާ އެހެން ހުންނަވައިތާ ވަރަށް ގިނައިރުފުޅު ވަނީއެވެ. އެއީ ކީއްވެގެން ވާކަމެއްކަން ޚުދް މުއާވިޔަތަކަށް ވެސް އެނގި ނުލައްވައެވެ. މިކަމަށް އަވަސް ވެގަނެވޭނީ ވެސް އެ ކަމަނާ އަކީ އިންސާނެއް ނަމަތާއެވެ. އިރުކޮޅެއް ފަހުން ޝަބީބާ ކަމަނާ ހިތާމަވެރި އަޑުފުޅަކުން ވިދާޅުވެ ލެއްވިއެވެ.

"މުއާއަށް ހީވޭތަ އަހަރެން މިކަމުން ސަލާމަތް ވާނެހެން.....؟"

ހިތްދަތިފުޅާއިއެކު އެކަމަނާ އެހެން ވިދާޅުވުމުން މުއާވިޔަތަށް ހިތާމަފުޅުން ކަރުނަ ފޮދު އޮހޮރެން ފެއްޓެވިއެވެ. އެމަނިކުފާނަށް ވިދާޅުވާނެ ބަސްފުޅެއް އެނގިވަޑައިއެއް ނުލެއްވިއެވެ. ޕަރީ ކަމަނާ ގެ ޖާދުވީ ރީތި މޫނުފުޅަށް ބައްލަވަން ހުންނަވައި އެކަމަނާ އާއި ހަތަރުކަޅި ހަމަ ކުރައްވައި ހަމަޖެހޭ ގޮތް ދައްކަވަމުން މުއާވިޔަތު ވިދާޅުވެ ލެއްވިއެވެ.

"ކަމަނާއަށްޓަކައި އަހަންނަށް ކުރެއްވެން އޮތްހައި ކަމެއް ކޮށްދެއްވާ ނަން، "

މިހެން މުއާވިޔަތު ވިދާޅުވެ ލެއްވުމުން ޝަބީބާ ކަމަނާ އެ ވިދާޅުވެ ެލައްވަން އުޅުއްވި ވާހަކަފުޅު ތައް ކިޔައިދޭން ފެއްޓެވި އެވެ.

"މުއާ! މުއާ ހަނދާން އެބަހުރިތަ އަހަރުމެން ދެމީހުން އެންމެ ފުރަތަމަ ބައްދަލުވިގޮތް...؟" ޝަބީބާ ކަމަނާ މިސުވާލުފުޅު މުއާވިޔަތާ ކުރެއްވުމުން އެމަނިކުފާނު ޖަވާބުފުޅުގައި "އާނއެކޭ ބުނުއްވުމުގެ ގޮތުން އިސްތަށިފުޅުޖަހައި ލެއްވިއެވެ...

"އަޑު އަހާ!" ޝަބީބާ ކަމަނާ ވިދާޅުވިއެވެ. "ހަގީގަތުގައި އެފެންގަނޑަކީ ތިހީކުރަމުން އަންނަ ކަހަލަ އާދައިގެ ފެންގަނޑެއްނޫން.."

ޝަބީބާ ކަމަނާ މުއާވިޔަތަށް އެފެންގަނޑުގެ ސިއްރުފުޅު އަންގަވައި ދެއްވައި ހާމަފުޅު ކުރައްވަން ފެށްޓެވިއެވެ. އަދި އެފެންގަނޑުން ފަހަރުގައި ފެންފޮދެއް ހިތްޕަވައި ފިނަމަ އެކަމަނާ އަށް ޖެހިވަޑައިގެން ފައިވާ މުސީބާތުން ސަލާމަތްފުޅު ވެވިދާނެކަމާ އެކަމަކު އެއީ މުއާވިޔަތަށް ކުރެއްވޭނެ ކަމެއް ނޫންކަން ވިދާޅުވެ ލެއްވިއެވެ. އެފެންގަނޑާ ބެހޭ އެއްވެސް ވާހަކަފުޅެއް ރަސްގެފާނުގެ އަރިހުގައި ވެސް ދެއްކުމަށް ވެސް މުއާވިޔަތު އުޒުރުވެ ވެވަޑައިގެންނަވައެވެ. އެއީ ބޮޑެތި ސަބަބުތަކެއް ހުންނެވީމައެވެ. މިހެން އެކި ވާހަކަފުޅު ތަކުން އެކަމަނާ ލ.ގަމުގައިވާ ޕަރީފެންގަނޑުގެ ސިއްރު ވެރިކަން ވެސް ވިދާޅު ވެއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ.

"މިއީ ކޮންމެ ވެސް ވައްތަރެއްގެ ނުބައި ކަޅު ސިހުރެއްގެ ސަބަބުން އަހަރެންނަށް އަންނަ ބަދަލެއްކަން ޔަޤީން."

"އެފެންގަނޑު ވާނީ އެހެން ޖިންނީންގެ ލޯތަކަށް ފޮރުވިގެން."

ކޮންމެ ވެސް ގޮތަކުން އަހަރެންނާ ގުޅުންހުރި އެއްޗެއް މީހަކު ނަގައިގެންގޮސް ގެންނޫނީ މިހާބޮޮޑު ހަރުކަށި ރޫޙާނީ ގޮވާލުމަކުން އަހަރެންނަކަށް ގޮވާލާ އެތަނަކަށް ހާޒިރު ކުރެވޭނޭ ވަރުގެ ސިހުރެއް ނުހެދޭނެ."

" ކޮންމެ ވެސް މީހަކު ނުވަތަ ބަޔަކު އަހަރެމެން ޕަރީންގެ ހަގީގަތް ހޯދަން އުޅެނީކަން ނޫނީ އަހަރުމެން އެރެން އުޅުނު ފެންގަނޑުގެ ބާރު ހޯދަން ކުރާކަމަކަށް ނޫނީ މިކަމެއް ނުވާނެ.. " މި ގޮތަށް އެކަމަނާ ވިދާޅުވެ ލެއްވިއެވެ.

ޝަބީބާ ކަމަނާ މިހެން ހުންނަވައި މުޅި ހަށިކޮޅުން އަލިނިކުމެ ވަޑައިގެން ދިއްލެމުން ގޮސް އަލިގަދަވެ ގަދަ ނޫކުލައިން އަލިފާންކަނި ބުރައިގެން ގޮސް އިރުކޮޅެއް ވަންދެން މިގޮތުގައި ހުއްޓެވެ. އަދި ވިދުވަރެއްހެން ޝަބީބާ ކަމަނާ ގަދަ ނޫކުލައިގެ އަލިފާން ގުޅަކަށް ވެއްޖެއެވެ. ކުޑަ އިރުކޮޅަކު މިހެން އަލިގުޅައެއް ފަދައިން އެކަމަނާ އޮންނަވައި އެ އަލިފާންގުޅަ ބާރު ގަދައަޑަކުން ފަޅައިގެން ހިގައްޖެއެވެ.

އެފަޅައިގެން ދިޔަ އަލިގުޅަ ބަގީޗާ މަތީގައި ފެނުން ހައްދަވައި ފައިވާ ރީތި ފެންގުއްބު އެތަން ހަލާކުވާވަރުގެ ބާރުގަދަ އައްޔަކާ އެކު ގިނިހިލަތަރިއެއް ދާ އުސޫލުން މިސްރާބުޖެހީ ބިމާ ދިމާލަށެވެ. އެވަގުތު މުއާވިޔަތު ވިއްސައިގެން ގޮސް ވަރަށް ދުރަށް ބިންމައްޗަށް ވެއްޓި ވަޑައިގަތެވެ. ޝަބީބާ ކަމަނާ އަށް އެވީ ކިހިނެއް ކަމެއް ހަމަ އެއްގޮތަކަށް ވެސް އިނގިވަޑައި ނުގަންނަވައެވެ. އެކަމަނާ އަށް ވީ ނުވީއެއް ނޭނގި ގެއްލިއްޖެއެވެ. އެކަމަނާގެ ކުޑަވެސް ހިލަމެއް މުޅިބަގީޗާގެ ތެރެއިން ވެސް ފެނިވަޑައެއްނުގަތެވެ.

ކުއްލި ވަރުގަދަ އަޑުފައްގަނޑަކާ އެކު ޕަރިސްތާނުގެ ރަސްގެފާނު ހަލުވި ކޮށް ބޮޑު ލަޝްކަރެއް ގޮވައިގެން ބަގީޗާއަށް ވަދެ ވަޑައިގެންނެވިއެވެ. އެ އިރުގައި އެ މަނިކުފާނަށް ފެނިވަޑައި ގެންނެވީ ދުވަހަކު ވެސް އެ ބަގީޗާ ގެ ތެރެއިން ފެނިވަޑައި ނުގަންނަވައި ވާ ފަދަ ހިތާމައިގެ އަސަރުފުޅުން ފުރިގެން ދާ ވަރުގެ މަންޒަރެކެވެ. އެ ރީތި ބަގީޗާ ވަނީ މުޅިން ހަލާކުވެ ފުނޑުފުނޑު ވެފައެެވެ. ބަގީޗާ ގައިވާ ބޮޑެތި ހުވަނދު ބަނޑިޔާ ތަކާއި ފުޅިތައް ވަނީ ތެޅިފައެވެ. އޭގައިވާ އަތަރުތައް ބިންމައްޗަށް އެޅި ބަންޑުންވެފައެވެ.

އަދި އަތަރު ހަތާތައް ވަނީ ފިނިފެންމާތަކުގެ ތެރެއިން ހަލާކުވެފައެވެ. ފިނިފެންމާތަކުގެ ފިޔަތައް ނެއްޓި މުޅިތާނގައިވަނީ ރަތްކުލައިގެ ދޫލައެއް ފަދައިން ފިޔަތައް ފެތުރިފައެވެ. ބަގީޗާގެ ވަށައިގެންވާ ފާރުތަކުގެ ސަންގުމަރުމަރު ހިލަތައްވަނީ ރެނދުއަޅައި މުގުރިގެން ބައެއް ފާރުތައް އެތާނގައިހުރި ތަނބުތަކާއިއެކު ވެއްޓި ފުނޑުފުނޑު ވެފައެވެ. ބަގީޗާ މަތީގައިވާ ބޮޑު ފެން ގުއްބު ވަނީ އެއްކޮއް ހަލާކުވެ ކަނޑައިގެން ގޮސް ގުއްބުގައި ހުރިހައި ފެނެއް މުޅި ބަގީޗާގެ ތެރެއަށް ބަންޑުންވެ މުޅިތަން އޮތީ ތަޣައްޔަރު ވެފައެވެ.

(ނުނިމޭ)