އާޖެންޓީނާގެ ފުޓްބޯޅަ ތަރި އެންހެން ޑިމާރިއާ އިޓަލީގެ ޔުވެންޓަސް ދޫކޮށް އެއްއަހަރުގެ އެއްބަސްވުމެއްގެ ދަށުން ބެންފީކާއަށް ބަދަލުވެއްޖެއެވެ.

ބެންފީކާއަކީ، މިހާރު އުމުރުން 35 އަހަރުގެ ޑިމާރިއާއަށް ވަރަށް ހާއްސަ ކްލަބަކެވެ. އާޖެންޓީނާގެ ރޮސާރިއޯ ދޫކޮށް 2007 ވަނަ އަހަރު ޔޫރަޕަށް ބަދަލުވެ ޔޫރަޕުގެ ފުޓްބޯޅައިގައި އޭނާ ފުރަތަމަ ފައިތިލަ ޖެއްސީ ބެންފީކާގައެވެ.

ޑިމާރިއާ އެނބުރި ބެންފީކާއާ ގުޅުނުކަން އެކްލަބުން އިއުލާން ކުރީ އަމިއްލަ ގެ އަށް މަރުހަބާ ކިޔާ ކަމަށް ބުނެ ސޯޝިއަލް މީޑިއާއަށް ދޫކޮށްލި މެސެޖަކުންނެވެ.

ބެންފީކާގައި ޑިމާރިއާ ހޭދަކުރި 3 އަހަރު ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕުގެ ބޮޑެތި ކްލަބުތަކުގެ ލޮލުގައި އޭނާ އަޅައިގަނެ، ވަރުގަދަ ރެއާލް މެޑްރިޑުން 2010 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހު 36 މިލިޔަން ޔޫރޯއަށް އޭނާ ގަތެވެ. ރެއާލްއިން 2014 ވަނަ އަހަރު، 10 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު ޑިމާރިއާގެ ދައުރު ވަރަށް ބޮޑެވެ. ފައިނަލްގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ޑިމާރިއާއެވެ.

ރެއާލް ދޫކޮށް 2014 އޮގަސްޓް މަހު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ އެއްސީޒަން އެކްލަބާއެކު ހޭދަކުރިއެވެ. އެއަށްފަހު ދެން އޭނާ ބަދަލުވީ ފްރާންސްގެ ޕީއެސްޖީއަށެވެ. ޕީއެސްޖީގައި 7 ސީޒަން ހޭދަ ކުރުމަށްފަހު މިދިޔަ ސީޒަނުގައި އޭނާ ބަދަލުވީ ޔުވެންޓަސްއަށެވެ.

ޑިމާރިއާއަކީ ފައިނަލް މެޗުތަކުގައި ތަފާތު ދެއްކުމަށް މަޝްހޫރު ކުޅުންތެރިއެކެވެ. މިގޮތުން މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވަރލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމަށް ޕެނަލްޓީއެއް ހޯދުމުގެ އިތުރުން އާޖެންޓީނާގެ ދެވަނަ ލަނޑުވެސް ޖެހީ ޑިމަރިއާކަން ފާހަގަ ކޮށްލެވެއެވެ.