ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް އިތުރު ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެއެވެ

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައިވަނީ ހއ.ކެލާ، ސީސާންގެ، އަލީ ގާސިމް، 81 އަހަރު ކަމަށެވެ.

އޭނާ ގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައެވެ. މިއީ ކޯޕަރޭޝަނުން މިއީ މިއަހަރު ހައްޖަށްދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ދެވަނަ މީހާއެވެ. އަދި ހައްޖަށްދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ހަތަރު ވަނަ މީހާވެސް އެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ގޮތުން މައްކާއަށް ދިޔަ ދިވެހީންގެ ތެރެއިން އެންމެ ފުރަތަމަ ނިޔާވެފައި އޮއްވައި ފެނުނީ އަރަފާތަށް ދިޔުމުގެ ކުރިން ގެއްލިގެން ހޯދަމުން އައި ދުވަސްވީ ފިރިހެނެކެވެ.

ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުން ނިޔާވެފައި އޮއްވައި ފެނުނީ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ،72، އެވެ. އޭނާ ނިޔާވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ 1:55ހާއިރުއެވެ.

އެއީ އަލް ހަރަމައިން ހައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި ހައްޖަށްދިޔަ މީހެކެވެ.

މީގެ އިތުރުން ދެން ނިޔާވެފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އުމުރުން 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަނެވެ.

އަދި ތިންވަނައަށް ނިޔާވެފައި ވަނީ ނ. ހޮޅުދޫ، އުދަރެސް، އުމުރުން 70 އަހަރުގެ ގާސިމް އިބްރާހީމެވެ. އެއީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ މީހެކެވެ. އެ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ، ގާސިމް ހޮޓަލުގައި ހުއްޓައި ޚަބަރެއް ނުވެގެން ގޮސް ބެލީއިރު އޮތީ ނިޔާވެފައި ކަމަށެވެ.

އޭނާ ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.