ރިޔާދު (ޖުލައި 05) - ސީރިޔާގެ އެއްމާބަނޑު ދެބެއިން ކަމުގައިވާ ބައްސާމާއި އިހްސާން ވަކި ކުރުމަށް ކުރާ ނާޒުކު އޮޕަރޭޝަން މިއަދު ކުރާނެ ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުނެފި އެވެ.

މިއީ ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ވަރަށް ބޮޑަށް އެއްބާރުލުން ދެއްވައިގެން ކުރުމަށް ހަމަޖެހިފައިވާ އޮޕަރޭޝަކެނެވެ.

ބައްސާމާއި އިހުސާން ވަކިކުރުމަށް މެޑިކަލް އަދި ސާޖިކަލް ޓީމެއް ތައްޔާރުކޮށްފައިވަނީ ރިޔާޒުގެ މިނިސްޓްރީ އޮފް ނޭޝަނަލް ގާޑްގެ ކިންގް އަބްދުލްއަޒީޒް މެޑިކަލް ސިޓީގެ ކިންގް އަބްދުالله ސްޕެޝަލިސްޓް ޗިލްޑްރަންސް ހޮސްޕިޓަލުގަ އެވެ.

މެޑިކަލް އަދި ސާޖިކަލް ޓީމުގެ އިސްވެރިޔާ އަލް ރަބީހު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ އޮޕަރޭޝަނަށް 9.5 ގަޑިއިރު ހޭދަވާނެ ކަމަށާއި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ފަސް މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އަދި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 26 ކޮންސަލްޓަންޓުންނާއެކު ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.

ރަބީހް ވިދާޅުވި ގޮތުގައި މެއި މަހުގެ 22 ވަނަ ދުވަހު ތުރުކީއިން ސައުދީއަށް ސީރިއާގެ އެއްމާބަނޑު ދެބެއިން ގެނެވުނުއިރު އުމުރަކީ 32 މަސް ކަމަށާއި އޭރު ބަރުދަނުގައި 19 ކިލޯ ހުރި ކަމަށެވެ. އަދި މެޑިކަލް ޓީމުން ކުރި އިމްތިހާނުތަކުން ދައްކާ ގޮތުގައި އެއްމާބަނޑު ދެބެއިން ގުޅިފައިވަނީ މޭމަތީގެ ތިރީބައި، ބަނޑާއި ފުރަމޭ އަދި ގޮހޮރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ތަހުލީލުތަކުން ދައްކާ ގޮތުގައި ބައްސާމްގެ ކުޑަކަމުދާ ނިޒާމާއި ނަސްލު އުފެއްދުމުގެ ނިޒާމު (ކިޑްނީ، ޔޫރެޓަރ، ބްލެޑަރ އަދި ފިރިހެން ނަސްލީ ގުނަވަން) ނެތުމުން އިހުސާނަކީ ޑޮމިނޭންޓް ޓްވިން ކަމަށް ބެލެވުނު ކަމަށެވެ.

އިހުސާން އުފަންވިއިރު ހިތުގެ ބޮޑެތި އުނިކަންތައްތަކެއް ހުރުމުން އުމުރު ދުވަސް ވަމުންދާ ވަރަކަށް، ނިއުރޯލޮޖިކަލް ޑިވެލޮޕްމަންޓްގައި އެޓްރޮފީ ހުރުމުން ދިރިހުރުމުގެ ފުރުސަތު އިހްސާނަށް ވަރަށް ކުޑަކަމަށް ރިޕޯޓްތަކުން ދައްކާ ކަމަށް މެޑިކަލް ޓީމުގެ އިސްވެރިޔާ ރަބީހް ވިދާޅުވިއެވެ.

އަލް ރަބީހް ވިދާޅުވީ ބައްސާމްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި މެޑިކަލް ޓީމުން ނިންމީ އެއްމާބަނޑު ދެބެއިން ވަކިކުރުމުގެ އޮޕަރޭޝަން ކުރުމަށެވެ.

ރަބީހް ވިދާޅުވީ މި އޮޕަރޭޝަނަކީ 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް 23 ގައުމެއްގައި ކޮށްފައިވާ މިފަދަ 130 ކޭސް ސުޕަވައިޒްކޮށްގެން ކުރާ އޮޕަރޭޝަނެއް ކަމަށެވެ.

ރަބީހުގެ ނޫސްބަޔާން ނިންމާލައްވަމުން ވިދާޅުވެފައި ވަނީ ކޮންޖޮއިންޑް ޓްވިންސް ސެޕަރޭޝަން ޕްރޮގްރާމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު ހައްގުކަމަށެވެ.