ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރު "މަރާލަން" އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހީމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލައިފިއެވެ.

މާލޭ ހަބީބީ ކެފޭގައި އިންނަވަނިކޮށް ޒަރީރު މަރާލުމަށް މަސައްކަތްކުރުމުގެ ތުހުމަތުގައި ފުލުހުން ގައްބަރޭ ހޯދުމަށް އިއުލާންކުރީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޭނާ ވަނީ އަމިއްލައަށް އެ މަހުގެ 23 ވަނަ ދުވަހު ފުލުހުންނާ ހަވާލުވެފައެވެ. އޭނާ ހޯދުމަށް އިއުލާންކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރިއެއް ހިންގާ މީހަކު "މަރާލުމަށް" މަސައްކަތް ކުރުމުގެ ކުށުގައެވެ.

ގައްބަރޭގެ ބަންދަށް ކޯޓުން ފުރަތަމަ ދިން 30 ދުވަހަށް 15 ދުވަސް އިތުރުކޮށްފައިވެއެވެ. އެ 15 ދުވަސް މިިއަދަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ގައްބަރޭ ދޫކޮށްލައިފައެވެ.

ކުށުގެ ރެކޯޑްތަކެއް އޮތް ގައްބަރޭއަކީ އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސްއެވެ. 2007 ގައި ތޫނު އެއްޗަކުން ހަމަލާދީ ހ. ކުބްރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުވެސް ފުލުހުން އޭނާއަށް ކުރިއެވެ. އަދި ގުރޫޕު މާރާމާރީއާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގައިވެސް އޭނާ ހައްޔަރުކުރިއެވެ.