އިންޓަމިލާނަށް ކުޅެމުން އަންނަ ކަމަރޫންގެ އިތުބާރު ކީޕަރު އަންދްރޭ އޮނާނާ ގަތުމަށް މެންޗެސްޓަރ ޔުނައިޓެޑުން 50 މިލިޔަން ޔޫރޯ (54 މިލިޔަން ޑޮލަރު) ހުށަހަޅައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ މިހާރު ކޯޗް އެރިކް ޓެންހާގާއެކު 2022 ވަަނަ އަހަރު އަޔަކްސްގައި މަސައްކަތް ކުރި އޮނާނާ ގަތުމަށް ޔުނައިޓެޑުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓަތައް ބުނެއެވެ.

އިޓަލީގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ އިންޓަމިލާނުން އޮނާނާ ވިއްކާލުމަށް ބޭނުން ވަނީ 60 މިލިޔަން ޔޫރޯގެ އަގަކަށެވެ. އެކަމަކު މިހާރު ޔުނައިޓެޑުން ހުށަހަޅާފައިވާ ބިޑް އިންޓައިން އިވެލުއޭޓް ކުރަމުން އަންނަ ކަމަށްވެސް އިޓަލީގެ ބައެއް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުގެ ގޯލު މިހާރު ބަލަހައްޓަމުން އަންނަނީ 2011 ވަަނަ އަހަރުން ފެށިގެންވެސް ޔުނައިޓެޑުގެ ގޯލު ބަލަހައްޓަމުން އަންނަ ސްޕެއިނުގެ ޑޭވިޑް ޑެހެއާއެވެ. އެކަމަކު އެއްފެންވަރެއްގައި ނުކުޅެވޭތީ ޓެންހާގުގެ އިތުބާރު ޑެހެއާއަށް ވަނީ ގެއްލިފައެވެ.

އޮނާނާ،27، އަށް ބަލާއިރު މިދިޔަ ސީޒަނުގައި އިންޓަމިލާނުން ޗެމްޕިއަންސް ލީގް ފައިނަލަށް ދަތުރު ކުރުމުގައި އޭނާގެ ދައުރު ބޮޑެވެ. އަދި އިންޓައިން އިޓާލިއަން ކަޕް ކާމިޔާބު ކުރުމުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ.

އޮނާނާގެ ހުނަރުވެރިކަން ޔޫރަޕުގެ ކްލަބުތަކުގައި ލޮލުގައި އަޅައިގަތީ އޭނާގެ އުމުރުން އެންމެ 14 އަހަރުގައި، 2010 ވަނަ އަހަރު، ކެމަރޫންގެ މަޝްހޫރު ފޯވާޑް ސްމެއުލް އެޓޫގެ އެކަޑަމީގައި އޭނާ ތަމްރީން ހަދަމުން ދިޔަ ދުވަސް ވަރުއެވެ. ހަމައެއަހަރު މަޝްހޫރު ބާސެލޯނާއިން އޮނާނާގެ ސޮއި ހޯދައި އެކްލަބަށް ގެނައެވެ. ބާސާގައި 5 އަހަރު ހޭދަކުރިނަމަވެސް އެކްލަބު ދޫކޮށް އޭނާ ދާން ޖެހުނީ ސީނިއަރ ޓީމަށް މެޗެއް ކުޅުމުގެ ފުރުސަތު ނުލިބިއެވެ.