މެންޗެސްޓާ ޔުނައިޓެޑާއި އަޔެކްސްގެ ކުރީގެ ތަރި އެޑްވިން ވެން ޑަރ ސާއަށް ސެރެބްރަލް ހެމޮރޭޖް ޖެހިގެން އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ލެޖެންޑަރީ ކީޕަރަށް ސްޓްރޯކް ޖެހުނީ ކްރޮއޭޝިއާގެ ޖަޒީރާއެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އިއްޔެ (ހުކުރު ދުވަހު) ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ ހެލިކޮޕްޓަރުގައި ކަމަށް ޑި ޓެލެގްރާފުން ބުނެއެވެ.

ވެން ޑަރ ސާގެ ހާލަތާ ގުޅޭ ގޮތުން އަޔަކްސްއިން ކުރި ޓްވިޓާގައި ބުނެފައި ވަނީ ހުކުރު ދުވަހު ސްޓްރޯކެއް ޖެހި ވެން ޑަރ ސާގެ ސިކުނޑީގެ ވަށައިގެން ލޭއައުމުން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މިހާރު ވެން ޑަ ސާގެ ހާލަތު "ސްޓޭބަލް" ކަމަށްވެސް މިޓްވީޓުގައި ބުނެފައިވެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ކުރި ޓްވީޓުގައި ބުނެފައި ވަނީ އެކްލަބާއި ކްލަބުގެ ސަޕޯޓަރުންގެ ހެޔޮ ދުއާ ވަނީ ވެން ޑަރ ސާއާއި އޭނާގެ އާއިލާއާއެކު ކަމަށާއި ވީއެންމެ އަވަހަށް ހާލަތު ރަނގަޅުވުމަށް އެދޭ ކަމަށެވެ.

ސެރެބްރަލް ހެމޮރޭޖް ޖެހުމުން ސިކުނޑިއަށް އޮކްސިޖަން ލިބޭ މިންވަރު ދަށްކޮށްލައެވެ. މީގެ ސަބަބުން ސިކުނޑިއަށް ޕްރެޝަރު ބޮޑުވެ ސިކުނޑީގެ ސެލްތައް މަރުވެ ފުރާނައަށް ނުރައްކާވެއެވެ.