ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޯޓު ހުޅުއްވައި ދެއްވީ އިއްޔެ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުއުތަސިމް އަދުނާން އެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން ކަމަށްވާ އަލްއުސްތާޒު ޢަބްދުލްމާނިޢު ޙުސައިން އާއި އާމިނަތު އުއްމުކުލްޘޫމް އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ އާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އެ ރަސްމިއްޔާތު ޝަރައްވެރިކޮށް ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ދުނިޔެ އަވަސް ސްޕީޑެއްގައި ތަރައްގީވަމުން އަންނައިރު އަދުލު އިންސާފު ފޯރުކޮށްފިނުމުގެ ކަންކަން ވެސް އަވަސްވެ، ތަރައްގީވާން ޖެހޭކަމަށާއި އަދި އަދުލު އިންސާފު ފޯރުކޮށްދިނުމާއެކު ހުރިހާ ފަނޑިޔާރުންވެސް އިހުސާންތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ޤާނޫނު އަސާސީން ޙައްގުތައް ކަށަވަރުކޮށްދޭ ކަމަށާއި ހަމަ އެ ޤާނޫނު އަސާސީން މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވެސް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ޙައްގުތަކާއެކު ކޮންމެ މީހެއްގެ ވެސް މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއްވާނެކަން ހަނދާންކުރުން މުހިންމުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ އާއިޝަތު ރިޒްނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ހުޅުވުނު ކޯޓު އިމާރާތުގައި މަސައްކަތްކުރަން ފެށުމާއެކު، ކޯޓުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުންގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަމަށެވެ.

ހޮނިހިރު ހުޅުވި މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހެދުމަށް އެ ރަށު ކައުންސިލާ ހަވާލު ކުރީ، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.