"އެޑްވާންސް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ކޯސް" އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ފަށައިފިއެވެ.

މި ކަމަށް ޓަކައި މޭ 20 ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދު އެވެ. އަދި މި ރަސްމިއްޔާތުގައި ސްރީލަންކާގެ އަރމީ އިންޖިނިއަރސްގެ ހެޑް އޮފް ޓްރެއިނިންގ، ލެފްޓިނެންޓް ކާނަލް ޗަމިކަ ޖާގޮޑަގެ އިތުރުން ކޯހުގެ އިންސްޓްރަކްޓަރުން ބައިވެރިވެލެއްވި ކަމަށް ވެސް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.

އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 27 ސިފައިން ބައިވެރިވެފައިވާއިރު، މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރައްވަނީ މި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ސްރީލަންކާގެ އަރމީ އިންޖިނިއަރސްގެ އިންސްޓްރަކްޓަރުންނެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި އެޑްވާންސް އީއޯޑީ ކޯހަކީ، ލެވެލް 3 ގެ ފެންވަރުގެ ކޯހެއް ކަމަށާއި މި ކޯހުގައި ކޮންވެންޝަނަލް އެމިއުނިޝަން ޑިސްޕޯސަލް އާއި، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް އާއި، އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ އިލްމާއި ހިލްމު އެޑްވާންސް ފެންވަރަށް އުނގަންނައިދެވޭނެ ކަމަށެވެ.

އަދި އެމްއެންޑީއެފް އާއި ސްރީލަންކާގެ އަރމީ އާ ގުޅިގެން ހިންގާ މި ކޯހުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް އަސްކަރީ އެއްބާރުލުން ހަރުދަނާކޮށް، ދެ ގައުމުގެ މެދުގައި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންފައިވެއެވެ.