އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އާއި ހާރިޖީ ވަޒީރު ހުސައިން އާމިރު-އަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމަށާއި، އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށާއި، އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ދެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރު، މިރޭ އީރާނަށް ފުރާވަޑައިގެންފިއެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް ވަނީ، އީރާނުގެ ރައީސް އާއި ހާރިޖީ ވަޒީރު އަވަހާރަވި ހިތާމަވެރި ހަބަރާ ގުޅިގެން އީރާނުގެ ވަގުތީ ރައީސް މުހައްމަދު މުޚްބަރު އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ. އަދި އީރާނަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅު އެ ގައުމުގެ ސަރުކާރާ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ތިބިކަން ހާމަކުރައްވައިފައި ވެއެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ރަސްމީގޮތުން ހިތާމަ ފާޅުކުރުމުގެ ގޮތުން، 21 މެއި 2024 ވީ އަންގާރަދުވަހުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ވެސް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވައިފައެވެ.