ސިލަމާލެ ބްރިޖު ހައިވޭއާއި ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާކަމަށާއި އަދި އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އެދިވަޑައިގެންފިއެވެ.
މީގެއިތުރުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް މިއަދު އުދަ އަރާފާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކަށް އިއްޔެވެސް އަދި އޭގެ ކުރީ ދުވަހުވެސް އުދަ އަރައި ގަލާއި ވެލި އަރާފައިވެއެވެ.
އެގޮތުން ފާއިތުވެދިޔަ ހަފްތާއަކީ މޫސުން ގޯސް ހަފްތާއެކެވެ. އެ ހަފްތާގައި ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކަށް ގެއްލުންވެސް ވިއެވެ. މެޓް އޮފީހުން ވަނީ، މިއަދު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މި ދުވަސްތަކުގައި ރާޅުގެ އުސްމިން 2-4 ފޫޓަށް އުފުލޭނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް މިއަދު އުދަ އަރާފާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވުމަށްވެސް އެދިފައި މެޓުން އެދިވަޑައިގެންފިއެވެ.