ހއ.ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަންނަ އޮގަސްޓު މަހުގައި ނިމޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުގައި ހޯރަފުށިއަށް ޒިޔާރަތްކޮށް އެރަށުގެ މަސައްކަތްތައް ބަލައްވާލެއްވުމަށްފަހު އާޒިމް ވިދާޅުވީ އެމްޓީސީީސީގެ ފަސް ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު ވެސް އެ ރަށުގައި އެބަ ހިނގާ ކަމަށެވެ. އޭގެ ތެރެއިން އެންމެ އިސްކަންދޭ އެއް ޕްރޮޖެކްޓަކީ އެ ރަށުގެ ބާރަ މަގެއްގައި ތާރު އެެޅުމުގެ ޕްރޮޖެކްޓުކަމަަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ތާރު އެޅުމުގެ މަސައްކަތުގެ ދަށުން އެގާރަ މަގެއްގެ ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާއިރު، ބާރަ ވަނަ މަގުގެ މަސައްކަތް އޮގަސްޓު މަހަށް ނިންމާލާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި މަގުތަކުގެ ދެވަނަ ފޭސްގެ މަސައްކަތް ފެށުމަށް އިންކުއަރީސް އައިސްފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެ ރަށުގެ މަގުތައް އޮތް ހާލަތު މީގެ ކުރިން ފާޅުކުރަމުން އައީ ރައްޔިތުންގެ ޝުއޫރުތަކުން ކަމަށެވެ. މީގެއިތުރުން ބުނީ ރަށުގެ މަގުތައް އޮންނަ ގޮތުން ރަށަށް ގެންނަ ދުއްވާ އުޅަނދުތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަލާކުވާކަމަށެވެ. އަދި މަގުތަކުގައި ފެންގަނޑު ބޮޑުވެގެން ކޯރުތެރޭގައި ކަކޫތާފެނަށް ފައިކުރި އޮޅައިގެން ހިނގަން ޖެހުނު ޒަމާން މާޒީވެއްޖެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެރަށު އެއާޕޯޓްއިން ލަފާ ފުރާ މީޙުންނަށް ފަސޭހަވާނެހެން އެއާޕޯޓްގައި ޖެޓީއެއް ހެދުމުގެ މަަަސައްކަތް ވެސް އެ ރަށުގައި ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ވެސް މި މަސް ނިމެންވާއިރަށް ނިންމައިލެވޭނެކަމަށްވެެސް އާޒިމް ވިދާޅުވިއެވެ.