އުތުރު އަދި މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ގައުމުތަކާއި ކެރީބިއަން ގައުމުތައް ގުޅިގެން ބާއްވާ ފުޓްބޯޅަ މުބާރާތް (ގޯލްޑް ކަޕް) ގެ ކުއާޓާފައިނަލުގައި ޕެނަމާ އަތުން 4-0 ގެ ބޮޑު ތަފާތަކުން ބަލިވެ މުބާރާތުން ގަތަރު ރޭ ކަޓައިފިއެވެ.
ދައުވަތު ދީގެން ގަތަރު މުބާރާތުގައި ބައިވެރި ކުރުވުވިއިރު ޕެނަމާއާ ދެކޮޅަށް ފުރަތަމަ ހާފުގައި ގަތަރުން ރަނގަޅު ކުޅުމެއް ދެއްކިއެވެ. ފުރަތަމަ ހާފުގައި ޕެނަމާއަށް ގަތަރު ކޮޅަށް ޖެހުނީވެސް އެންމެ ލަނޑެކެވެ. މިލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޑްގާ ޔައޮލް ހެރޭރާއެވެ.
ދެވަނަ ހާފުގައި ގަތަރު ކޮޅަށް ޕެނަމާއިން 9 މިނެޓުގެ ތެރޭގައި 3 ލަނޑު ޖަހައިގެން ހެޓްރިކް ހެދީ އިސްމާއިލް ޑިއަޒްއެވެ. އެއީ 56، 63 އަދި 65 ވަނަ މިނެޓުގައެވެ. އެންމެފަހުގެ އޭޝިޔަން ކަޕުގެ ޗެމްޕިއަންކަން ހޯދި ގަތަރުގެ ފަރާތުން ދެވަނަ ހާފުގައި ގަތަރުގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.
ކުއާޓާފައިނަލުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ކޮސްޓަރީކާ 2-0 އިން ބަލިކޮށް މެކްސިކޯ ވަނީ ސެމީފައިނަލުން ޖާގަ ހޯދާފައެވެ. ދެލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އޯރްބެލިން ޕައިނެޑާއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މެކްސިކޯއަށް ހަމަނޭވާއެއް ލެވުނީ 87 ވަނަ މިނެޓުގައި އެރިކް ސަންޗޭޒް ލަނޑެއް ޖަހައި ލީޑް ފުޅާ ކޮށްދިނުމުންނެވެ.
ކުއާޓާފައިނަލުގައި މިރޭވެސް ދެމެޗް ކުޅޭނެއެވެ. މީގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖޭ ގަޑިން ދަންވަރު 2:00 ގައި ބައްދަލު ކުރާނީ ގުއެޓަމާލާ އާއި ޖެމެއިކާއެވެ. ދެވަނަ މެޗުގައި ވާދަ ކުރާނީ އެންމެފަހުގެ ޗެމްޕިއަން އެމެރިކާ އާއި މިވަގުތު ރަނގަޅު ސްކޮޑެއް އޮތް ކެނަޑާއެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން ފަތިހު 4:30 ގައެވެ.