ރޮސްޓޯވް-އޮން-ޑޮން، ޖުލައި 9، /ޓާސް/: ރަޝިޔާގެ ރޮސްޓޮވްގެ ޑޮނެޓްސްކް އާއި ކަމެންސްކް އާއި ދެމެދުގައިވާ ސަރަހައްދަށް ޔޫކްރޭނުން ފޮނުވާލި މިސައިލް ހަމަލާއެއް އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލާފައިވާ ކަމަށް އެސަރަހައްދުގެ ގަވަރުނަރު ވަސިލީ ގޮލޫބެވް މިއަދު ވިދާޅުވެއްޖެއެވެ.

ވަސިލީ ގޮލޫބެވް ވިދާޅުވި ގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

"ކަމެންސްކް އާއި ޑޮނެޓްސްކް އާއި ދެމެދުގެ ސަރަހައްދަށް ޔޫކްރޭނުން ފޮނުވާލި މިސައިލް ވައްޓާލުމުގައި އެއާޑިފެންސް ސިސްޓަމުން ވަރަށް ހަލުވިކޮށް މަސައްކަތް ކުރި. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. އެކަމަކު ވެއްޓުނު މިސައިލްގެ ބައެއް ބައިތަކުން ބައެއް އިމާރާތްތަކުގެ ފުރާޅުތަކަށް ބައެއް ގެއްލުންތަކެއް ލިބިފައިވޭ،" އޭނާގެ ޓެލެގްރާމް ޗެނަލުގައި ލިޔެފައިވެ އެވެ.

ރޮސްޓޮވް ރީޖަންގެ ޑޮނެޓްސްކްގެ އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ރޯމަން ކުރަޔޭވް ޓެލެގްރާމް މެދުވެރިކޮށް އެސަރަހައްދުގެ ރައްޔިތުންނަށް ދެއްވި މެސެޖެއްގައި ވިދާޅުވީ ގެދޮރަށް ލިބޭ ގެއްލުންތައް މާދަމާގެ ވަގުތެއްގައި މަރާމާތު ކުރަން ފަށާނެ ކަމަށެވެ.