ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ފޯކައިދުއަށް ވަޑައިގެން އެކަމަށްޓަކައި ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ށ. ފޯކައިދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސާލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ވަޒީރުން އަދި ބައެއް މަޖިލިސް މެންބަރުން ވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

64.6 މިލިއަން ރުފިޔާގެ މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މި މަޝްރޫއުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެއެވެ.

އަދި ވެސް މިމަޝްރޫއުގައި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 2،320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި މަގުބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.