ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ރައްޔިތުން ދެވަނަ ދައުރަކަށް ރައީސް ސާލިހު ހޮވައިފިނަމަ، ކަނޑާއި ވައިގެ މަގުން މުޅި ރާއްޖެ ގުޅާލާއި ދަތުރުފަތުރުގެ ނިޒާމު ފުރިހަމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން މިއަދު ށ. ނޫމަރާއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދަތުރުފަތުރުގެ ނިޒާމު ފުރިހަމަވުމަކީ ނޫމަރާފަދަ ވަކިން އޮންނަ ރަށަކަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު އަމާޒެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތު އޮތީ އެ މަނިކުފާނު މިދައުރަށް ހޮވި ގައުމާ ހަވާލުވެވަޑައިގެންނެވިއިރު ވަރަށް ގޯސް ކަމަށްވެސް ރައީސްސާލިހު ވިދާޅުވިއެވެ. އެގޮތުން މަގުތަކުގައި މީހުން މެރުމާއި ވިޔަފާރިވެރިންނަށް ހުރި ފިއްތުންތަކާއި ސިޔާސީގޮތުން ހިޔާލުތަފާތުވާ މީހާ ޖަލަށްލުން ފަދަ ކަންކަން އޭރު ފެނިގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ދާނީ އެ މަނިކުފާނަށް ދެވަނަ ދައުރެއް ދީގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދެވަނަ ދައުރެއް ހާސިލު ނުކުރެވިއްޖެ ނަމަ، މިހާރު ފަށާފައިވާ ބައެއް މަޝްރޫއުތައް ހުއްޓުމުގެ ބިރު އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިފަސް އަހަރު ކުރެއްވި މަސައްކަތަކީ ރައްޔިތުންނަށް އަމާން އަދި ހަމަޖެހޭ މުޖުތަމައެއް ހޯދައިދިނުން ކަމަށާއި އެކަން ރާއްޖޭގެ ރަށްރަށުން މިހާރު ފެންނަން އެބަހުރިކަމަށްވެސް ރައީސް ވިދާޅުވިއެެވެ. މި ސަރުކާރުގައިވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެގޮތުން ފެށުނީއްސުރެ ސަރުކާރަށް ދަތިކުރަމުންދިޔަ ބަޔަކު އުޅުނު ކަމަށް ރައީސް ވިދާޅުވިއެވެ.