މި ސަރުކާރުން ވެރިކަމަށް އަންނަން އުޅުނު އިރު، ޑރ. އަބްދުﷲ ފައިރޫޝް މެން ފަދަ ބޭފުޅުންގެ އެހީތެރިކަން ހޯދުން ލަދުވެތިކަމަކަށް ނުވި ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ރިޓަޔާ ކުރެއްވި ފައިރޫޝް އަށް އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔަމުންދާތީއެވެ.

އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަން ހޯދަން އުޅުނުއިރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ތިބި ފައިރޫޝް ފަދަ ބޭފުޅުންގެ އެހީތެރިކަން ހޯދުން ލަދުވެތިކަމަކަށް ނުވި ކަމަށެވެ. އަދި ވެރިކަން ލިބުމުން ފައިރޫޝްއަށް އަލުން ވަޒީފާދިނީ ވެސް މިސަރުކާރުން ކަމަށް އުޝާމް ވިދާޅުވިއެވެ.

"މިއަދު ހުރިހާ ބާރުތަކެއް ލިބުމުން އަނެއްކާވެސް މިއޮތީ ފައިރޫޝް ގޯސްވެފަ" އުޝާމް ވިދާޅުވިއެވެ.

ފައިރޫޝް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމުން ފުލުހުންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބޭފުޅާއެވެ. އަދި އޭރު އެމްޑީޕީގެ މެންބަރުން ފައިރޫޝް އަށް ދިޔައީ ފާޑުކިޔުންތައް އަމާޒު ކިޔަމުންނެވެ.