މަކަރާއި ހީލަތުގެ މައްސަލަތަކުން އާންމު ރައްޔިތުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ލ. ހިތަދޫގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މާމެންދޫ ޕޮލިސް ސްޓޭޝަނުން މި މަހު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ހިތަދޫ ފިހާރަތަކަށާއި ކެފޭ ރެސްޓޯރަންޓް އަދި ރައްޔިތުން އެއްވެ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައާއި އެކި ވިޔަފާރިތަކުގެ ނަމުގައި ކުރިއަށް ގެންދާ މަކަރާއި ހީލަތުގެ މައްސަލަތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކަންކަމުން ރައްކާތެރިވެ ސަލާމަތްވެތިބުމަށް މަސައްކަތްކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި މުދާ ގަނެ ވިއްކުމަށްފަހު އޮންލައިންކޮށް ފައިސާ ދައްކާއިރު ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުރުން ފުލުހުން ވިދާޅުވީ ފޯނަށް އަންނަ އޯޓީޕީ ކޯޑާއި ބެންކު އެކައުންޓު އަދި ކޭޝްކާޑު ފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށެވެ.

އަދި މަކަރާއި ހީލަތުގެ މައްސަލަތަކުން ރަައްކާތެރިވުމުގެ މައުލޫމާތު ހިމެނޭ ޕޯސްޓަރު ކެފޭ ރެސްޓޯރަންޓުތަކާއި ފިހާރަތަކުގައި ހަރުކޮށްފައިވެއެވެ.