ނިއުދިއްލީން ނިއުޔޯކަށް ފެށި ދަތުރު ދިޔައީ އޮމާން ކަމާއެކުގައެވެ. ދެ އަހަރުގެ ދަރިފުޅުވެސް ދިޔައީ ދަތުރު އެންޖޯއި ކުރަމުންނެވެ. ފްލައިޓަކީ އެއާ އިންޑިއާގެ ފްލައިޓެކެވެ. ސަރުކާރަށް ނުހިންގިގެން ޕްރައިވެޓް ކުންފުންޏަކުން ގަނެގެން ހިންގޭތޯ މަސައްކަތޔް ކުރާ އެއާލައިނެކެވެ. ސީއީއޯއަކީވެސް ތަޖުރިބާ ހުރި ބިދޭސި ހުދު މީހެކެވެ.

ދަތުރު ފެށުމާއެކު ފަސިންޖަރުން ހަމަޖެހި، ބޯޓުގެ ނިޒާމުތައް ތަރުތީބުވެ، މަންޒިލަށް މިސްރާބު ހިފުމަށްފަހު، އާދަވެގެން މީލް ސާވް ކުރާނެއެވެ. ދިގު ދަތުރުގައި ފުރަތަމަ ލުއި އެއްޗެކެވެ. ސޭންޑްވިޗެކެވެ.

އިންޑިއާގެ 70އިންސައްތަ މީހުންނަކީ ނޮންވެޖު، ޔައުނީ ޖަނަވާރު މަސްކާން ބޭނުންވާ މީހުންނެވެ. އެހެން ނަމަވެސް އަޑު ގަދަ، މަދު އަދަދެއްގެ ބަޔަކު ވެޖު ކާނާ ބޭނުންވާތީ އެއީ އިންޑިއާ މީހުންނަށް މާބޮޑު ކަމެއް ހެން މީޑިއާގައި ހުންނަ ޚަބަރުތަކުން ހީވެދެއެވެ. އެއާއިންޑިއާއިން ދެ ވައްތަރުގެ ކާނާވެސް ގެންގުޅެއެވެ. ނަމަވެސް ކުރަފި އަޅައިގެން ސޭންޑްވިޗް ހެދުމަކީ އިންޑިއާގެ މެނިއުއެއްގައި އެއްވެސް އިރެއްގައި ހިމެނޭ ބައެއް ނޫނެވެ.

މީރުކޮށް ކުރަފި ކައި އުޅޭ މީހުންވެސް އުޅެއެވެ. އެމީހުންވެސް ކުރަފި ކައިއުޅެނީ، ތެލުލައިގެން މުރަނަ ކޮށްގެންނެވެ.

މިއަހަރުގެ ސެޕްޓެމްބަރު 17 ވަނަދުވަހު ނިއުޔޯކަށް ފުރި އޭއައި101 ނަންބަރުގެ ދަތުރުގައި ސާވް ކުރި ސެންޑްވިޗް ކަމުން ދިޔައީ ކުޑަ ސޮރެކެވެ. ސޭންޑްވިޗްގެ ދެބައިކުޅަ އެއްބައި ކެއުމަށްފަހު އެ ސޮރަށް ފެނުނީ ރިހާކުރު ކުލައިގެ މާސިންގާ ކުރެއްޕެކެވެ.

މި ވާހަކަ އެކްސްގައި ހިއްސާކޮށް މީހުންގެ ސަމާލުކަމަށް މި ހާދިސާ އައިސްފައި ވެއެވެ. އެއާއިންޑިއާއިން ބުނެފައި ވަނީ "ކާނާ ތައްޔާރު ކުރުމުގެ ޕްރޮސީޖާތައް ހުންނަ ގޮތް މިހާރު މުރާޖަޢާ ކުރަމުންދާ" ކަމަށެވެ!

މީގެ ކުރިން ސެންފްރެސްސިސްކޯއަށް ދިޔަ ފަސްޓްކިލާސް ފަސިންޖަރަކުވެސް ވަނީ އޭނާގެ ހައިސިއްޔަތާ ނުގުޅޭ ފެންވަރަށް ފަސްޓްކިލާހުގެ ޚިދުމަތުގެ ދޯހަޅި ކަމުން ފޮޓޯއާއެކު އެކަން އެސްގައި ހިއްސާ ކޮށްފައެވެ. އެއާއިންޑިއާއިން ވަނީ އެމީހާގެ ދަތުރުގެ ޚަރަދަށް ހޭދަވި 5 ހާސް ޑޮލަރު އަނބުރާ ދީފައެވެ.