އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ނ.ލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ނ.ލަންދޫ ރައްޔިތުންނަށް ޚާއްޞަކޮށްގެން "މޫދުކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުނީ ސެޕްޓެންބަރު 26 ވަނަ ދުވަހުގެ ރޭ ނ.ލަންދޫ ސްކޫލުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤެވެ. އެމަނިކުފާނު ވަނީ ޕްރޮގްރާމްގެ މުއްދަތުގައި އެންމެ ބޮޑަށް ބަރުދަން ލުއިކުރި 3 ބައިވެރިންނަށް ސެޓިފިކެޓާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މި ޕްރޮގްރާމަކީ ރައްޔިތުންގެ ދުޅަހެޔޮ ޞިއްޙަތާއި، ބާރުވެރިކަން އިތުރުކުރުމާއި، އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މީގެ އިތުރުން، އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމަށްވެސް މި ޕްރޮގްރާމުން އަމާޒުކުރެވުނެވެ.

ޕްރޮގްރާމްގެ ތެރޭގައި ބައިވެރިންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ މުހިންމުކަމާއި، ކަސްރަތުގެ ފައިދާތަކާއި، ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭ މަޢުލޫމާތު ދެވުނެވެ. އަދި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާ ބެހޭ މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ.

މި ޕްރޮގްރާމަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ނ.ލަންދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ލަންދޫ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ޞިއްޙަތަކަށް ޝައުޤުވެރިކަން އިތުރުވެ، އިޖުތިމާޢީ ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ޚަބަރު: އެމްއެންޑީއެފް