އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައި ނުވާކަން އިތުބާރު ހުރި ގޮތަކަށް "ހަލިނިއުސް" އަށް މައުލޫމާތު ލިބިއްޖެއެވެ.

ޗުއްޓީ ހޭދަކުރުމަށް މެސީ ރާއްޖެ އެތެރެވެފައިވޭތޯ ޔަގީން ކުރުމަށް "ހަލިނިއުސް" އިން ކުރި މަސައްކަތުން ޔަގީންވީ މިއަދު ހެނދު 10:00 ހަމައަށް މެސީ ރާއްޖެ އެތެރެވެފައި ނުވާ ކަމަށެވެ. އަދި މެސީ ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ރާއްޖޭގެ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ވަލްޑޯފް އެސްޓޯރިއާއިންވެސް އެރިޒޯޓުގައި މެސީ ހުރިކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.

ސްޕެއިނާއި އާޖެންޓީނާގެ އިތުބާރު ހުރި ނޫސްތަކުން ބުނާ ގޮތުގައި މެސީ އާއި ހަޔާތުގެ ބައިވެރިވާ އެންޓޮނޮއްލާ އަދި 3 ދަރިންނާއެކު މިވަގުތު ޗުއްޓީ ހޭދަކުރަމުން ދަނީ ސްޕެއިނުގެ މަޝްހޫރު ރަށެއް ކަމުގައިވާ އިބިޒާގައެވެ. އިބިޒާއަކީ ޗުއްޓީ ހޭދަ ކުރުމަށް މެސީ އެންމެ ގަޔާވާ މަންޒިލެވެ.

މިކަމަށް ބާރު ލިބެނީ މިމަހުގެ 7 ވަނަ ދުވަހު އެންޓޮނޮއްލީ އިންސްޓަގްރާމުގައި ޕޯސްޓްކޮށްފައިވާ ބައެއް ފޮޓޯތަކުންނެވެ. ފޮޓޯތަކުން ފެނަނީ މެސީ އާއި އެންޓަނޮއްލާ ޖެޓްސްކީއެއްގައި ތިބި މަންޒަރާއި ގޮނޑުދޮށް ފެންނަ ގޮތަށް މެސީ ހުއްޓިލައިގެން ހުރި މަންޒަރަކެވެ. މަންޒަރުތަކުން ރާއްޖެއާ ވަރަށް ވައްތެރެވެ. އެކަމަކު އެއީ އިބިޒާގެ ގޮނޑުދޮށާއި މޫދެވެ.

ޗުއްޓީ ނިންމާލުމަށްފަހު މެސީ ދާނީ އެމެރިކާގެ މޭޖަރ ސޮކަރ ލީގުގެ އިންޓަމިއާމީއާ ގުޅުމަށް އެމެރިކާއަށެވެ. ޔޫރަޕުގެ ފުޓްބޯޅަ ދޫކޮށް އެމެރިކާގެ އިންޓަމިއާމީއަށް މިހާރު ބަދަލުވެފައިވާ މެސީ، އެކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ދައްކާލުން އޮންނާނެ ކަމަށް އެމެރިކާގެ މަޝްހޫރު ކުޅިވަރު ޗެނެލަލް "އީއެސްޕީއެން" އިން ވަނީ ރިޕޯޓް ކޮށްފައެވެ.