ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފުރުމަށް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ހުއްދަދީފިއެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ފުރާނައަށް ނުރައްކާވާ ބައްޔަކަށް ކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ. މި މަހުގެ ހަވަނަ ދުވަހު އެމްޓީޑީން ކުރި ޓުވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި އަދީބު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ނާރުތަކާ ގުޅޭ ސީރިއަސް އަދި ފުރާނައަށް ނުރައްކާވާ ބައްޔަކަށެވެ. އަދި މައިބަދައަށާއި ލޮލަށްވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު، ވަނީ ދެފަހަރެއްގެ މަތިން އައިީއެމްއެޗުގައި އެނދުމަތިކޮށް ފަރުވާދީފައެވެ.

"އެ ބަލި ދެނެގަނެވުނީ 2015 އިން 2018 ވަނަ އަހަރަށް، ތިން އަަހަރު ވަންދެން 24 ގަޑިއިރަށް އަދީބު ޖަލު ގޮޅީގައި ބަންދުގައި އޮންނެވުމުން. އެގޮތަށް ބަންދުގައި ބެހެއްޓުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނާވެސް ހިލާފުކަމެއް،" އެމްޓީޑީއިން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، ވިހި އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ސިއްހީ ހާލަތު ވަރަށްވެސް ގޯސްވެ، އިންޑިޔާއަށް ވަޑައިގެން ފަރުވާ ހޯއްދެވިފަހުން، އަދީބުގެ ޖަލުހުކުމް ވަނީ ގެއަށް ބަދަލުކޮށްފައެވެ. އަދީބާއި ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެމަނިކުފާނަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމް އިއްވި އިރު ވެސް އަދީބު ހުންނެވީ ގޭ ބަންދުގައެވެ. އެއީ، އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ކަރެކްޝަނުން އޭރު ވަނީ ބުނެފައެވެ.